ރައީސް ޔާމީނުގެ ވެރިކަމުގައި ވޯޓުލުމުގެ ޙައްޤު ރައްޔިތުން ހޯދީ ގަދަކަމުން ކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝިފާއު ވިދާޅުވީ، ޤާނޫނު ހެދުމާއި ތަންފީޒުކުރުމުގެ ހަމައެކަނި ބޭނުމަކީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރުން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤު މި ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު މިއަދު ވިދާޅުވީ ވޯޓުލުމުގެ ޙައްޤުގެ ވާހަކަ އިދިކޮޅު ޕީޕީއެމްގެ މެންބަރުން މިއަދު ދެއްކެވި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި 2018ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ހޯދީ ގަދަކަމުން ކަމަށް ޝިފާއު ވިދާޅުވިއެވެ.

"ރަން އަނގޮޓިއާ، ރިހި އަނގޮޓިއާ، ރޮނގުދަމާ އަނގޮޓިއާ، ފާހަގަވެއްޓޭ ޖާދޫވެސް ހެދި. އެހެން ނަމަވެސް އަޅުގަނޑުމެން މި އެމްޑީޕީގެ ހިތްވަރާއި ފަންވަރުން، ކުރި ބުރަ މަސައްކަތުން ރައްޔިތުންނާ ހަމައަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ގެނެސްދިނީ. ވަރަށް ޙާލުން އިންތިޚާބު ހޯދީވެސް. މަގުމައްޗަށް ނިކުމެ މުޒާހަރާކޮށްގެން އިންތިޚާބު ހޯދީ." ޝިފާއު ވިދާޅުވިއެވެ.

ޝިފާއު މިއަދު ވިދާޅުވީ، އެހެންކަމުން މިއަދު އެމްޑީޕީގެ ވެރިކަމެއް އޮތްއިރު ރައްޔިތުންނަށް މިނިވަންކަމާއެކު ވޯޓު ދިނުމުގެ ޙައްޤު ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމަށެވެ. ހަމައެއާއެކު ރައްޔިތުން ލާވޯޓުގެ ނަތީޖާ ރައްޔިތުން ވޯޓުލީގޮތަށް ލިބޭނެ ކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެސަރުކާރުގެ ވެރިން ބުރަކޮށް އުޅުނީ ވިޔަފާރީގެ ޑީލްތަކުގައި ކަމަށާއި، ނަމަވެސް މި ސަރުކާރު ބިޒީވެފައި އޮތީ ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކަމަށް އިދިކޮޅު މެންބަރުންނަށް ރައްދު ދެއްވަމުން ޝިފާއު މިއަދުގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު