ފިކުރެއްގެ ދިރުން-ޖޭޕީ ޖޮއިންޓް ޕީޖީ އެކުލަވާލުމަކީ ގާނޫނާއި ގަވާއިދު ދަންނަ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއާއި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުމުގެ" ޖޮއިންޓް ޕީޖީ ގްރޫޕެއް އެކުލަވާލުމަށް މަޝްވަރާ ކުރުމަށް ނިންމާފައިވަނީ ރޭ ބޮޑުފެންވަޅުގޭގައި ކުރިއަށްދިޔަ އެމްޑީޕީގެ "ފިކުރެއްގެ ދިރުމުގެ" ޕީޖީ ބައްދަލުވުމުގައެވެ. އެބައްދަލުވުމުގައި މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުالله ވިދާޅުވީ ފިކުރެއްގެ ދިރުމާއި ޖޭޕީ ގުޅިގެން މަޖިލީހުގައި ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެކަމާ ގުޅިގެން އަސްލަމް މިއަދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އިތުރު ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނާއި ގަވާއިދު ދަންނަ ކަމެއްނޫން ކަމަށެވެ. އަދި ޕާޓީގެ އުސޫލުތަކާ ޚިލާފުވާނަމަ، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން އަސާސީ ޤަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ "ފިކުރެއްގެ ދިރުމަށް" ނިސްބަތްވާ މަޖިލީހުގެ މެންބަރުން ހުށައަޅުއްވާ މައްސަލަތައް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް އިތުރު މެންބަރުންގެ އެއްބާރުލުން ހޯދަންޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެންބަރުން ހުށައެޅުއްވާ ގިނަ މައްސަލަތައް މިހާރު ދަނީ ފެއިލް ވަމުންނެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރޭގެ ވަގުތެއްގައި ނިންމުމާއެކު ރާއްޖޭގެ ސިޔާސީ އެތުރުމަށް މަޑުމަޑުން ދަނީ ބަދަލުތައް އަންނަމުންނެވެ. އެގޮތުން ޖޭޕީގެ މެމްބަރުން ސަރުކާރުގެ މަޤާމުތަކުން އިސްތިއުފާ ދެއްވުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު