ވަކި ޕާޓީއެއްގެ މެންބަރަކަށްވުމުން ސަރުކާރުގެ ސިޔާސީ މަޤާމެއްގައި ހުންނެވި އެއްވެސް ބޭފުޅަކު ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ދިފާޢުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ނިކުންނަވައިފިއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން އެ ޕާޓީގެ މެމްބަރުން ސިޔާސި މަގާމުތަކުން އިސްތިއުފާ ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީގެ ބައެއް މެންބަރުން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ކުރެއްވި މެސެޖްގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ މިހާރު ހިނގަމުން މިދަނީ އެމްޑީޕީ އިސްވެއޮވެ އެކުލަވާލި އިއްތިހާދަކުން ހިންގާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން މި ދައުރު ނިމުމުގެކުރިން ސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެންބަރެއް ސަރުކާރުން ވަކި ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދަ މޭރުމަކުން ވިދާޅުވެފައިވާއިރު ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުން އިސްތިއުފާ ދޭންޖެހޭނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް އިސްތިއުފާދޭންޖެހޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްވެސް މިއަދުވަނީ ވިދާޅުވެފައެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ މެންބަރުން ސިޔާސީ މަޤާމުތަކުން ވަކިކުރުމަށް ގޮވާލެއްވީ މަކުނުދޫ ދާއިރާގެ މެންބަރު ރާއީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސަނީފް އެވެ.

އެގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ހުރިހާ ބޭފުޅުން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ. އަދި އެބޭފުޅުން އިސްތިއުފާ ނުދީފިނަމަ ސަރުކާރުގެ ތެރެއިން އެކަން ކުރުވާނެ ކަމަށްވެސް ރާއީ ވިދާޅުވިއެވެ.

މެންބަރު ސަނީފް ވިދާޅުވީ، ރައީސް ޞާލިޙާއި ވާދަވެރި ބޭފުޅުންތަކެއް މިނިސްޓަރުކަމުގައާއި އެހެނިހެން މަގާމުތަކުގައި ތިއްބަވައިގެން ނުވާނެ ކަމަށެވެ. އޭގެ އިތުރުން އަޚުލާގީ މިންގަނޑުން ބަލާއިރު އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން ކަމަށާއި، ސަރުކާރު ހިންގޭނީ ޖޭޕީގެ ބޭފުޅުން މަގާމުތަކުން ވަކިކޮށްގެން ކަމަށްވެސް ސަނީފް ވިދާޅުވިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީގެ މެމްބަރުން ސަރުކާރު މަގާމުތަކުގައި ތިބެން ލަދުގަންނަން ޖެހޭކަމަށް ބައެއް ބޭފުޅުން ވިދާޅުވިޔަސް އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫންކަމަށެވެ. ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ދެއްވި މަގާމުތަކަކީ ބައެއްގެ ތަރިކަ މުދަލުން ދިން މަގާމުތަކެއް ނޫންކަމަށެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއެކު ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކުން ޖޭޕީގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންދާއިރު، ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސަފީރުންގެ ގޮތުގައިވެސް ޖޭޕީގެ މެމްބަރުން ތިބިކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް