‏މި ސަރުކާރު ދަމަހައްޓަން އެންމެ ބޮޑު މަސައްކަތެއް ކުރިބަޔަކީ ޖުމްހޫރީ ޕާޓީން ކަމަށް ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމުމާ ގުޅިގެން އެކަމަށް ފާޑު ކިޔަމުންދާ ފަރާތްތަކަށް ރައްދު ދެއްވަމުން މުޣުނީ ވިދާޅުވީ މިއަދާ ހަމައަށްވެސް މި ސަރުކާރު ދަމަހައްޓާފައިވަނީ ޖުމްހޫރީ ޕާޓީން ކަމަށެވެ. އެހެންކަމުން މި ރައީސް ޞާލިޙް ރިޔާސީ ދައުރު ފުރިހަމަ ކުރެއްވުމަކީ ޖޭޕީން އެދޭގޮތް ކަމަށް މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ 2018 ގައި ޖޭޕީން ނިންމީ 2023 އާ ހަމައަށް ސަރުކާރު ދެމެހެއްޓުމަށް ކަމަށެވެ. މިސަރުކާރުގެ ކުރީކޮޅު ރައީސް ޞާލިޙަށް ވަރަށްގިނަ ގޮންޖެހުންތައް އެތެރެއާއި ބޭރުން ކުރިމަތިވަމުން ދިޔަކަން ފާހަގަކުރަށްވަމުން މުޣުނީ ވިދާޅުވީ އެ ދަތި އުނދަގޫ ޙާލަތުގައި ސަރުކާރު ދެމެހެއްޓީ ޖުމްހޫރީ ޕާޓީން ކަމަށެވެ.

“މި ސަރުކާރު ހިފަހައްޓަން އެހާބޮޑަށް މަސައްކަތް ކުރި ބަޔަކު އަޅުގަނޑުމެން ބޭނުންވޭ މި ޓާރމް ރީތިގޮތުގައި ނިމިގެންދާން. އަދި ނިމުމަށްފަހު ދެން އަޅުގަނޑުމެން ކަނޑައަޅާ ވެރިއަކު ގެންނަން އަޅުގަނޑުމެން ބޭނުންވަނީ.” މުޣުނީ ވިދާޅުވިއެވެ.



މުޣުނީ ވިދާޅުވީ 2023 ގައި އިންތިޚާބުވާ ޖޭޕީގެ ރައީސާއެކު ރައީސް ޞާލިޙްވެސް ރީތިގޮތުގައި ކުރިއަށް ދިއުމަކީ ޖުމްހޫރީ ޕާޓީން އެދޭގޮތް ކަމަށެވެ.

މުޣުނީ އިތުރަށް ވިދާޅުވީ ކޮންމެ އެއްބަސްވުމަކީވެސް މުއްދަތެއް ކަނޑައެޅިފައި އޮންނަ އެއްޗެއް ކަމަށާއި އެހެންކަމުން 2018 ގެ އެއްބަސްވުމަކީ ތާއަބަދަށް ދެމި އޮންނާނެ އެއްޗެއްގެ ގޮތުގައި ދެކިގެން ވާހަކަ ދެއްކުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް