ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ހުށަހަޅުއްވައިފިނަމަ އެ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމުގައި ނިންމާފައި ވީނަމަވެސް ރައީސް ޔާމީން މިހާރު ތަންފީޒު ކުރަށްވަމުން ގެންދަވާ 11 އަހަރުގެ ޖަލުހުކުމާއި އަދި މިހާރު ދައުވާ އުފުލާފައިވާ އިތުރު މައްސަލަތަކާއި ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ، އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ރައީސް ޔާމީނަށް އޮތް ކަމަށާއި، އަދި ކެންޑިޑެސީ ބަލައިގަތުމުގެ ފުރުސަތުވެސް ބޮޑުކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މައްސަލައިގެ އިސްތިޢުނާފު މަރުޙަލާ މުޅިން ނުނިމި އޮތްނަމަ ކެންޑިޑެސީ ބަލައިގަތުމަށް ފުރުސަތު ބޮޑުވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އެކަމަށް ބާރުދޭ ހެކިތައް ދައްކަވަމުން ފުއާދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރަކަށްވެސް އިސްތިއުނާފްގެ މަރުޙަލާ ދިގުދެމިގެން ގޮސްފައިވަނިކޮށް އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ކޯޓުން ދީފައިވާ ކަމަށާއި، އެ ޙުކުމް ނިހާއީ ވެފައިވާ ކަމަށެވެ. އެހެންކަމުން އެޙުކުމް މިހާރުގެ ސުޕްރީމް ކޯޓުން ބާތިލް ނުކުރާނަމަ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގާނޫނީ ލަފާ ހޯއްދަވާނެކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 25 ވަނަ ދުވަހުއެވެ. އެ ހުކުމް އިސްތިއުނާފްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ކޯޓުން އިސްތިއުނާފް ފޯމު އިސްލާހުކުރުމަށް އެންގުމުން ރައީސް ޔާމީނުގެ ވަކީލުންވަނީ ފޯމު އިސްލާޙުކޮށް މިމަހުގެ 15 ވަނަ ދުވަހު އަލުން ފޯމު ހުށައަޅުއްވާފައެވެ.

މިހާތަނަށް މިއިންތިޚާބުގައި ވާދަކުރަން ކެންޑިޑޭޓުން ކަނޑައަޅާފައިވަނީ މިހާރުގެ ސަރުކާރުގައި ހިމެނޭ މައިޕާޓީ، އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމާއި ހުސްވި އަހަރު އަލަށް އުފެއްދި އެމްއެންޕީންނެވެ. އޭގެ އިތުރުން ބައެއް އަމިއްލަ ކެންޑިޑޭޓުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީންވެސް ވަނީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު