ހެޔޮކަމެއް ކުރެވޭނީ އިޚްލާސްތެރި ނިޔަތެއް އޮވެގެން ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރު އިއްތިހާދުގައި ހިމެނޭ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން މިބީދައިން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް މިސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޖޭޕީގެ ކައުންސިލުން ވަނީ ނިންމައި އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް އިޢުލާނުކޮށްފައެވެ.

އެކަމާގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ ރައީސް އަދި ދާޚިލީ ވަޒީރު އިމްރާން މިއަދު ވިދާޅުވީ، ކިތަންމެ ގިނަ މަސައްކަތެއް ކުރިނަމަވެސް، އާޚިރުގައި ހެޔޮ ނަތީޖާއެއް ނުކުންނާނީ އިޚްލާޞްތެރިކަމާއެކު ކުރެވޭ މަސައްކަތުން ކަމަށެވެ.

އެގޮތުން ހެޔޮކަމެއް ކުރެވޭނީ އިޚްލާސްތެރި ނިޔަތެއް އޮވެގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިފަދަ މޭރުމަކުން މީސްތަކުންގެ ނިޔަތުގެ އިޚްލާސްތެރިކަމާމެދު ބަސްފުޅު ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރުމަށް ޢަދާލަތު ޕާޓީން ވަނީ ނިންމާފައެވެ. ޢަދާލަތު ޕާޓީގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންވަނީ އެޕާޓީގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަމަށް ބުނެ އެކަމަށް ފާޑުކިޔާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕާޓީތަކުން މިހާރު ގެންދަނީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ފޯރިއާއެކު ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު