ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި މުޅި ހުވަދުއަތޮޅުގެ ސާފު މެޖޯރިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނަންގަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 4 އަހަރު ނިމިފައިވާއިރު އެމަނިކުފާނު މިހާރު ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތި ލައްވާނެކަން އިޢުލާނު ކުރަށްވައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވާފައެވެ.

ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބުތައް ތަފްސީލްކޮށްދެއްވަމުން ސަޢުދު ވިދާޅުވީ، ރައީސްވަނީ ހުވަދުއަތޮޅުގެ ހުރިހާ ރަށެއްވެސް އިންސާނުން އުޅެން އެކަށީގެންވާ ފެންވަރަށް ބަދަލު ކޮށްދެއްވާފައި ކަމަށެވެ. އެގޮތުން ރަށްރަށަށް ގެނެސްފައިވާ ޢުމްރާނީ ކުރިއެރުން ސަޢުދު ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ހުވަދޫން ރައީސަށް ސާފު މެޖޯރިޓީ ލިބޭނެކަމަށް ސަޢުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވ ރައީސް ޞާލިޙް ވަނީ ނަންހުސްކޮށް ހުވަދޫގެ ރަށްތައް ތަރައްޤީ ކޮށްދެއްވާފައި ކަމަށެވެ. "ފެނާއި، ނަރުދަމާއާއި، ބަނދަރާއި، އައިސްޕުލާންޓާއި، ކުޅިވަރު ކުޅޭނެ ތަންތަނާއި، ސިއްޙީދާއިރާ އާއި ސުކޫލް" އޭގެ ތެރޭގައި ހިމެނޭ ކަމަށް ސަޢުދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސަޢުދު ވިދާޅުވެފައިވަނީ ރާއްޖެ އާރާސްތުވާނީ ރައީސް ޞާލިޙާއެކު ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ވޯޓުލާން ޖެހެނީ ޤައުމީ ފިކުރުގައި މަސައްކަތްކުރާ ހަމައެކަނި ރައީސަށް ވުމުން ކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު