އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވިކަމަށް ކުރާ ތުހުމަތަށް ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލް އިންކާރު ކުރަށްވައިފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި މޫސާ އަލީ ޖަލީލްގެ މައްޗަށް ދަޢުވާކޮށް ދިނުމަށްއެދި އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން އިއްޔެ ވަނީ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް އޭނާގެ މައްސަލަ ފޮނުވާފައެވެ.

ޚިޔާނާތުގެ ތުހުމަތާ ގުޅިގެން މޫސާ އަލީ ޖަލީލު މިއަދު ވިދާޅުވީ، ކޯޓުތަކާއި ގާނޫނީ ނިޒާމަށް އޭނާ ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށެވެ. އަދި އޭނާގެ އަނބުރު ނަގާލަން އުޅުނު ނަމަވެސް އަދުލު އިންސާފަށް ނަސްރު ލިބި ކާމިޔާބުވާނެ ކަމަށް މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ކުރާ ތުހުމަތަށް އިންކާރުކުރަން" މޫސާ ޢަލީ ޖަލީލް ވިދާޅުވެފައިވެއެވެ.



އޭސީސީން އިއްޔެ ބުނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރސީއަށް ލިބުނު ފައިސާގެ ތެރެއިން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިކޮށް ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލަށް ލިބިފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށެވެ.

އަދި އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައިހުރެ މޫސާ ޢަލީ ޖަލީލް ހޯދާފައިވާ ފައިސާކަމާއި، އެފައިސާ މޫސާ ޢަލީ ޖަލީލްގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ތަޙުޤީގަށް ހޯދިފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

މިމައްސަލައިގައި މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއެވެ.

އޭގެއިތުރުން މިމައްސަލައިގައި ދަޢުލަތަށް ލިބެންޖެހޭ އެއްމިލިއަން ދިވެހި ރުފިޔާ އަނބުރާ ހޯދުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއަށްވެސް ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން