ބާޒާރުގައި ބައެއް ތަކެތީގެ އަގުތައް އުފުލިފައިވާތީ، ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އެވެ.

އާދަމް ޝަރީފްގެ ގަރާރުގައި ބުނެފައިވަނީ، ޓެކްސްގެ ނިޒާމަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން މުދަލާއި ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ގިނަދަތިތަކާއި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން ޖީއެސްޓީ ބޮޑުކުރުމާއެކު ދިވެހިން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ހިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަތް ޕަސަންޓު ބޮޑުވެފައިވާ ކަމަށް ޤަރާރުގައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 75 ޕަސަންޓަށް އިންފްލޭޝަން އުފުލިފައިވާ ކަމަށް ޤަރާރުގައި ވަނީ ބުނެފައެވެ.

އޭގެއިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 ޕަސަންޓް ބޮޑުވެފައިވާކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ކަމަށް ގަރާރުގައިވެއެވެ. އަދި ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ކުރިއަށްވުރެ ބޮޑުވަމުންދާއިރު އާމްދަނީ އިތުރު ކުރެވޭނެ މަގުތަކެއް ފެންނަން ނެތް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

"ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރުކުރެވޭނެ މަގުތަކެއް ފެންނަން ނެތުމާއި، ޖޫރިމަނާއާއި އެހެނިހެން ނަން ނަމުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން." ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން ޖީއެސްޓީ އަލުން މުރާޖަޢާކޮށް ރޯދަމަހަށް ބާޒާރުގެ އަގުތައް ރައްޔިތުންގެ އަތްފޯރާފަށުގައި ހިފެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މި ޤަރާރުގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މިގަރާރު މަޖިލީހަށް ތައާރަފު ކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު