ރައްޔިތުންގެ މަޖިލީހުގައި ރަނގަޅު ވާހަކަ ދައްކަވާ ބައެއް މެމްބަރުންނަކީ ކޮރަޕްޝަން ހިންގަވާ ބޭފުޅުން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނިޓަ ކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް ގޮވާލާ ގަރާރަށް، ބަހުސް ކުރަށްވަމުން ޣަފޫރު މިއަދު ވިދާޅުވީ، އަބަދުވެސް ގޯސްކޮށް ހިނގާ ކަންތައްތައް ގޯސްވާން ޖެހޭނެ ކަމަށެވެ. މިއަދު ތިމާމެންގެ ސަރުކާރެއް އައުމުން ކުރިން ގޯސްވި ކަންތައްތައް މިއަދު ރަނގަޅުވުމަކީ މައްސަލައެއް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ، މަޖިލީހުގައި ރަނގަޅު ވާހަކަ ދައްކަވާ ބައެއް މެމްބަރުންނަކީ ކޮރަޕްޝަން ހިންގަވާފައި ތިއްބެވި ބޭފުޅުންކަމަށެވެ.

"ވަރަށް ރަނގަޅަށް ވާހަކަ ދައްކަނީ، އެހެން ނަމަވެސް އެއަށްފަހު ކަންކަމަށް ނުފޫޒު ފޯރުވާވަރާ، އަތްބާނާ ވަރާ، އެކަންކަން މިގައުމުގެ ރައްޔިތުންނަށް އެނގޭނެ." ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ، ސަރުކާރުގެ ތެރޭގައި، ކުރިންވެސް އަދި މިހާރުވެސް ބައެއް ކަންކަން ގޯސްކޮށް ހުރިކަން ޤަބޫލު ކުރަށްވާ ކަމަށެވެ. ނަމަވެސް ތިމާމެންގެ އަމިއްލަ ސަރުކާރެއް އައުމުން ގޯސްކޮށްހުރި ކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރު ކުންފުނިތަކަށް އަތްބޭނުމަށް ބައެއް މެންބަރުން މަސައްކަތް ކުރަށްވާކަމަށް ޣަފޫރު ތުހުމަތު ކުރެއްވިއެވެ.

"ކިތައް މެމްބަރުންތޯ އެތަންތަން މެދުވެރިކޮށް ކަންކަން ކުރަން ބޭނުންވަނީ، ސްޕޮންސާ ހޯދަން ބޭނުންވަނީ އަދި ޕްރޮޖެކްޓް ނަގަން ބޭނުންވަނީ." މިއަދުގެ ޖަލްސާގައި ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިއަދު ވިދާޅުވީ، ރައްޔިތުންނަށް އިއްވުމަށް ކިތައްމެ މޮޅު ވާހަކައެއް ބައެއް މެމްބަރުން ދެއްކެވި ނަމަވެސް މަޖިލީހުގައި ކޮރަޕްޓް މެމްބަރުން ތިބިކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް ދައްކާ ވާހަކަތަކަށް ރައްޔިތުން މިހާރު ހޭލުންތެރި ވެފައިވާކަމަށްވެސް ޣަފޫރު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު