ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނަކީ ގާބިލް ބޭފުޅެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއެކު ފުލިދޫގޭގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ޤާސިމްވަނީ ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

އެ ބައްދަލުވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ޖޭޕީން ނެރޭ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ފާރިސް ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.

"ޤާބިލު، ތައުލީމީ ބޭފުޅެއް އެ ބޭފުޅާއަކީ.. އެހެންނަމަވެސް އެކަމުގައި ގޮތެއް ނިންމާނީ ޖޭޕީގެ ކައުންސިލުން." ޤާސިމް މިއަދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށާއި، ހުށަހެޅުމެއްވެސް ހުށަހަޅާފައި ނުވާނެ ކަމަށެވެ. ނަމަވެސް ޖޭޕީއާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމާއި، ރައީސް މައުމޫން މިއަދު ބައްދަލުކުރައްވާއިރު، ޖޭޕީއާއި އެމްއާރުއެމަކީ މި ސަރުކާރުގެ މިހާރުގެ އިއްތިހާދުގައި ހިމެނޭ ދެ ޕާޓީއެެވެ. އެހެންނަަމަވެސް ޖުމްހޫރީ ޕާޓީން މިހާރު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި ރިޔާސީ ޕްރައިމަރީއަށްވެސް ހުޅުވާލައިފަ އެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ 9 ގައެވެ.



ކިޔުންތެރިންގެ ހިޔާލު