ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 4 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. ރައީސްގެ މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ދަތުރުކޮށްފައިވަނީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރައީސް ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އަދި ބާކީ ދެ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހައިދީފައިކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އަންހެނަކާއި ތިން ފިރިހެނުންނެވެ.

އިދިކޮޅު ޕީޕީއެމްގެ ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 17 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުު ކުރުމުން އެ ކޯޓުން ވަނީ ޝަރުތުތަކާއެކު އެ މީހުން ދޫކޮށްލާފައެވެ.

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން އަންނަނީ ކޮންމެ ރެއަކު ވެސް މުޒާހަރާކުރަމުންނެެވެ. އެ މުޒާހަރާތަކުން ހައްޔަރުކުރާ ގިނަ މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް