މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ބިލު އާއްމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު" ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާ ކުރަމުން ގެންދާ ކަމަށެވެ.

އެހެންކަމުން މިބިލަށް އެއްވެސް ފަރާތަކުން ހިޔާލެއް ނުވަތަ ކޮމެންޓެއް ކުރަށްވަން ބޭނުންފުޅުވާނަމަ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެ އިޢުލާނުގައި ވެއެވެ.

ބިލަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ލިޔުމުންނާއި އީމެއިލް މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށް މަޖިލީހުގެ އިދާރާގެ އިޢުލާނުގައިވެއެވެ.

މިބިލަކީ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ކަނޑައެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބިލެކެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު، އަހްމަދު އަބްދުﷲ ހުށައެޅުއްވި މިބިލުގައި މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުމަށް ބަދަލު ލިބޭ ނިޒާމެއް އެކުލަވާލުމުގެ އިތުރުން މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގެ ސަބަބުން މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކަށް ލިބޭ އަނިޔާ އާއި ގެއްލުންތައް ރިޕޯޓުކޮށް މައްސަލަބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމު ކުރުމަށް ވަނީ ހުށަހަޅާފައެވެ.

އަދި މަސައްކަތުގެ މާހައުލަކީ ސިއްހީގޮތުން ރައްކާތެރި ތަނެއްކަން ކަށަވަރު ކޮށްދިނުމަށް ބޭނުންވާ އަސާސީ އުސޫލުތައް ކަނޑައެޅުމާއި، މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކުން އެފަދަ ފަރާތްތައް ރައްކާތެރިކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް ބިލުގައި ހުށަހަޅާފައިވެއެވެ.

އޭގެއިތުރުން ސިއްހަތާއި ސަލާމަތާއިގުޅޭ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު ހޯދައިދިނުމުގެ ނިޒާމެއް ގާއިމްކޮށްދިނުމަށް ވެސް މި ބިލުގައި ހިިމަނާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން