މިދުވަސްވަރު ސިޔާސީ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް ޖުމްހޫރީ ޕާޓީ ހުއްޓުމަކަށް ނާންނާނެކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނިންމުމާ ގުޅިގެން އެޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ އިސް މަޤާމުތައް ކަށަވަރުކުރެއްވި ބައެއް ބޭފުޅުން ގެންދަވަނީ ޕާޓީން ވަކިވެޥަޑައިގަންނަވަމުންނެވެ.

އެކަމާ ގުޅިގެން އަމީން މިއަދު ވިދާޅުވީ ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އެކި ޕްރެޝަރާއި ގުޅިގެން މި މޫސުމުގައި ތަންކޮޅެއް ތަފާތު ގޮތްގޮތަށް އެނބުރޭތަން ފެނުމަކީ އާ ކަމެއް ނޫން ކަމަށެވެ.

"އެއީ ޖަހާފައި އޮތް ހިސާބެއް. އެއިން ޖޭޕީގެ ނިންމުމަކަށް އަސަރެއް ނުކުރާނެ. ޖޭޕީ ދާނީ އިންޝާﷲ ކުރިއަށް." އަމީން ވިދާޅުވިއެވެ.



ރިޔާސީ އިންތިޚާބުގައި މިހާރުގެ ސަރުކާރު ހިންގާ އެމްޑީޕީ އިއްތިހާދާއެކު ކުރިއަށް ދިއުމާމެދު ޖޭޕީން މިހާތަނަށް ވަކިގޮތެއް ނިންމަވާފައެއް ނުވެއެވެ. ނަމަވެސް އެޕާޓީން ދަނީ އިންތިޚާބުގައި ވަކިން ކުރިއަށްދެވޭނެ މަގުތައް ހޯދުމަށް ސިޔާސީ އިސް ފަރާތްތަކާއެކު މަޝްވަރާތައް ބާއްވަމުންނެވެ. ހަމައެއާއެކު އެޕާޓީން މިހާރުވަނީ ރިޔާސީ ޕްރައިމަރީއަށްވެސް އިޢުލާނު ކޮށްފައެވެ.

އެކަމާގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގައި ރައީސް އޮފީހުގެ މިނިސްޓަރ ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލަރ ޙަނަފީ މިހާރު ވަނީ ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވާފައެވެ.

ޖުމްހޫރީޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވަކިން ވާދަކުރުމަށް ވަނީ ފާސްކޮށްފައެވެ. ޖޭޕީގެ މި ނިންމުމާއެކު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ މެންބަރުން މަޤާމުތަކުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް