ބިރެއްނެތި މީހުންނަށް އަނިޔާކުރާ މީހުންނަށް ކުޑަ ޖޫރިމަނާއެއް ކުރުމަށްފަހު ދޫކޮށްލާތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.

މެންބަރު ރޮޒޭނާ މިމޭރުމުން ވިދާޅުވެފައިވަނީ، ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާ ކުރި މައްސަލައެއްގައި އޭނާގެ ލޯބިވެރިޔާ ހައްޔަރު ކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ފިރިހެންމީހާ އެ އަންހެން މީޙާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާގައި މިހާރު ވަނީ ޢާއްމުވެފައެވެ.

އެކަމާ ގުޅިގެން މެންބަރު ރޮޒޭނާ ވިދާޅުވީ، ބިރެއްނެތި މީހުންނަށް އެފަދަ ލާއިންސާނީ އަނިޔާތައް ކުރަން ކެރެނީ ކުޑަ ޖޫރިމަނާއެއް ކުރުމަށް ފަހު މީހުން ބަންދުން ދޫކޮށްލާތީ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ އެވީޑިއޯއިން ފެންނަނީ މުޖްތަމައަށް ނުރައްކާތެރި މީހެއް ކަމަށާއި މި މައްސަލައިގައި އިތުރަށް ހޯދަންޖެހޭ ހެއްކެއް ނެތް ކަމަށެވެ.

"ދެން 200 ރުފިޔާއިން ޖޫރިމަނާ ކޮށްފަ މި މީހާ ދޫކޮށްލާނީ އެއް ނޫން. މިހިރީ ވާވަރަށް ހެކި ފެންނަން." ރޮޒައިނާ ވިދާޅުވި އެވެ.

އަންހެންމީހާއަށް އަނިޔާކުރާ ވީޑީއޯއިން ފެންނަނީ، ފިރިހެނަކު މަގުމަތީގައި އަންހެންމީހާ ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރުން އަންހެންމީހާގެ ގައިގައި ޖަހާ މަންޒަރުވެސް ފެނެއެވެ. އަދި އެ ދެމީހުންގެ ފަހަތުން އިތުރު ބަޔަކު ގޮސް އެ ފިރިހެން މިހާ ހުއްޓުވަން މަސައްކަތް ކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ.

އެމައްސަލާގައި ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، އަންހެން މީހާއަށް ގާނޫނީ ގޮތުން ދިނުމަށް ލާޒިމުކުރާ ރައްކާތެރިކަން މިހާރު އެމިނިސްޓްރީގެ ފަރާތުން އޭނާއަށް ފޯރުކޮށް ދީފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-6

65 ނުވާ ކުޑަ ކުއްޖާ

23-Mar-2023

ކިއާތީ އަޑުއިވޭ އަނިޔާލިބުނު އަންހެނާކީ 18 އަހަރުނުވާ ކުޑަ ކުއްޖެކޭވެސް އަނިޔާ ކުރީ އެކުއްޖާ ހިތާވެގެން އުޅޭ ފިރިހެންމީހާއޭވެސް ކުޑަކުއްޖަކާ ހިތާވެގެން އުޅޭނީވެސް ކުއްޖާގެ ބެލެނިވެރިންގެވެސް މައްސަލައެއް ނެތީމަތާ



ފަހުގެ ލިޔުންތައް