ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވަކި ކުލަޔަކަށް ބެލުމެއްނެތި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ގޮވާލައްވައިފިއެވެ.

ކ. ގުޅީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ މިފަހަރު ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ނަމަވެސް ގުރައިދޫ ދާއިރާގެ ރައްޔިތުން އެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ ކަމަށެވެ.

ސަމީރު ވިދާޅުވީ ބައެއް ކަންތައްތަކަކީ ހިތްއެދޭގޮތާ ދިމާ އިދިކޮޅަށްވެސް ނިންމަންޖެހޭ ކަންތައްތައް ކަމަށެވެ. އެގޮތުން މި ސަރުކާރުގައި ޤައުމުން ފެނިގެންދާ ހަމަޖެހުމަކީ މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ޤައުމަށް ނުގެނެސްދެވުނު ކަމެއް ކަމަށް ސަމީރު ވިދާޅުވިއެވެ.

އެމްޑީޕީއަކީ ސަމީރަށް އާޕާޓީއެއް ނޫން ކަމަށާއި އެޕާޓީއަށް އަދި ސޮއި ކުރަށްވާފައި ނުވާނެކަމަށްވެސް ސަމީރު ރޭ ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ ޕޯޑިއަމްގައި ހުއްޓި ހުރި ނަމަވެސް އޭނާ އެންމެ ލޯބިވާ ޕާޓީއާ އެންމެ ލޯބިވާ މީހުންވެސް ގޯސް މަގަކުން ހިނގަން ފެށީމާ ހެޔޮ ގޮތް ބުނެދޭންޖެހޭ ކަމަށް ސަމީރު ވިދާޅުވިއެވެ.

“އެހެންކަމުން މިދާއިރާގެ ރައްޔިތުންނަށްވެސް ދަންނަވާލަން ބޭނުންވަނީ މިވަގުތު ކުލަޔަށް ނުބައްލަވާށޭ.” ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޝާޒް އަކީ ސަރުކާރާ ގުޅިގެން ގުރައިދޫ ދާއިރާ ތަރައްޤީ ކުރަށްވާނެ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އިރުއިރުކޮޅުން ފިކުރު ބަދަލު ނުވާނެ އަދި އެއްގޮތެއްގައި ހުންނަވާނެ ބޭފުޅަކު އިންތިޚާބުކުރުމަކީ ދާއިރާގެ ތަރައްޤީއަށްޓަކައި މުހިންމު ކަމެއް ކަމަށް ސަމީރު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ސަމީރު އިތުރަށް ވިދާޅުވީ ރައީސް ޞާލިޙްގެ އެންމެ އަރިހުގައި ތިއްބެވި ބޭފުޅުން މިދިޔަ ދުވަސްތަކުގައި ގެންދިޔައީ އެމަނިކުފާނުގެ ފަހަތުން ވަޅިޖަހާ އުސޫލުން ކަންކުރަމުން ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ޢާއިލީ ވެރިކަމާއި ޚާންދާނީ ވެރިކަމަށް ފުރުސަތު ދެއްވާނެ ބޭފުޅެއް ނޫންކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނެ ކަމަށް ގުޅީގައި ބޭއްވި ޖަލްސާގައި ސަމީރު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް