މި ހަފްތާ ބަންދުގައި ޖަމިއްޔަތުލް ސަލަފުން ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާ ބައްދަލުކުރި ކަމަށްބުނެ ދެކެވޭ ވާހަކަތައް އެ ޖަމިއްޔާއިން ދޮގު ކޮށްފިއެވެ.

ޖަމިއްޔަތުލް ސަލަފުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސަލަފުން މިހަފްތާ ބަންދުގައި އޮނަރަބަލް ޤާސިމް އިބްރާހީމާ ބައްދަލުކުރި ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ ޙަޤީޤަތާޚިލާފު ޚަބަރެއް ކަމަށެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ އެދުމަކަށް މިމަހުގެ 20 ވަނަ ދުވަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ސަލަފްގެ އިސް ބޭފުޅުންތަކަކާއެކު ބައްދަލުވުމެއް ބޭއްވެވި ކަމަށާއި، އެއަށްފަހު އިތުރު ބައްދަލުވުމެއް ނުބާއްވާ ކަމަށް ސަލަފުން ވަނީ ބުނެފައެވެ.

"މިއާ ޚިލާފަށް ތަފާތު ނޫސްމީޑިއާތަކުގައި ފަތުރަމުންދާ ޚަބަރަކީ ޒިންމާދާރުކަމެއް ނެތި، ފަތުރަމުންދާ ދޮގު ޚަބަރުތަކެވެ." ޖަމިއްޔަތުލް ސަލަފުގެ ބަޔާނުގައިވެއެވެ.

އެހެންކަމުން ޖަމިއްޔަތުލް ސަލަފަށް ނިސްބަތްކޮށް ދޮގު ހަބަރު ފެތުރި މީޑިއާތަކުން އެކަމަށް މާފަށް އެދި ތެދު ޙަޤީޤަތް ހާމަކޮށްދިނުމަށް އެޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު ދޮގުތެދު ބެލުމެއްނެތި ލިބޭހައި ޚަބަރެއް ނުފެތުރުމަށް ހުރިހާ ނޫސްވެރިންނަށް އިލްތިމާސްކުރާ ކަމަށް ވެސް ސަލަފުން ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް އެކި ސިޔާސީ ޕާޓީތަކުން އަންނަނީ ސަލަފް ޖަމިއްޔާއާ ބައްދަލު ކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީއާއި ޕީޕީއެމް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީން ވެސް ވަނީ ސަލަފް ޖަމިއްޔާއާއި ބައްދަލުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް