މާލެ ސިޓީ ކައުންސިލުން ޤާނޫނާއި ޤަވައިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް އެކައުންސިލުން ހާމަކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިމޭރުމުން ބުނެފައިވަނީ ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރިން ހުއްދަ ހޯދުމެއްނެތި ވަދެފައިވާކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

މަޙްލޫފު ވިދާޅުވެފައިވަނީ ސިޓީކައުންސިލްގެ މުވައްޒަފުން ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅުހަލާކުކޮށްލާފައިވާ ކަމަށެވެ. އޭގެއިތުރުން އެތަނުގައި ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންގޮސްފައިވާ ކަމަށް މަޙްލޫފު ވިދާޅުވިއެވެ.

“މިކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލަން. އަދި ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާނެ.” މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފަށް ރައްދު ދެމުން ސިޓީ ކައުންސިލުން ބުނެފައިވަނީ އެކަން ހިނގައި ދިޔަ ގޮތް ބަލައި ތަފްސީލު ހާމަ ކުރާނެ ކަމަށާއި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް އެކައުންސިލުން ނުކުރާނެ ކަމަށެވެ.

ފަހަކަށްއައިސް ސިޓީކައުންސިލާއި ދަޢުލަތުގެ އިދާރާތަކާއި ދެމެދު ދެބަސްވުންތައް އުފެދުންވަނީ ޢާއްމު ކަމަކަށް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން