އިއްޔެ މާލެއިން ފެނުނު ކެމިކަލް ގުދަން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.

މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހުރި މައްސަލަ ފެންމަތިވެގެން ކަމާއިބެހޭ ފަރާތްތަކުން އެ މައްސަލަ ބަލަންފެށީ އިއްޔެއެވެ. އެ ގުދަނުގައި ހުރި ތަކެއްޗާއެކު ސޯޝަލް މީޑިއާގައި ފޮޓޯތައް އާއްމުވެފައިވާއިރު، އެ ތަން ހުރީ ލިލީމަގުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ގުދަން ހުސްކޮށް، މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ. ނަމަވެސް އެ ގުދަނުގެ ވެރިފަރާތާ މެދު އަޅާފައިވާ ފިޔަވަޅެއް ސާފުވެފައެއް ނުވެއެވެ.

މާލެއިން އިއްޔެ ފެނުނު ކެމިކަލް ގުދަނާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ކެމިކަލް ގުދަނަށް ވަދެ، އެތަނުގެ އިންސްޕެކްޝަނެއް ހަދާފައިވާކަމަށެވެ. އަދި އެ ތަނުގައި ބައެއް ތަކެތި ގުދަން ކޮށްފައި ވަނީ ގަވާއިދާއި ހިލާފަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ ކެމިކަލް ގުދަން ފުލުހުންގެ ސަމާލުކަމަށް ގެނެވި، ފުލުހުން އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މާލޭގައި ކެމިކަލް ގުދަންކުރުން މަނާކޮށްފައިވަނީ ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއަށްފަހުގައެވެ. އެ ހާދިސާގައި 14 ގެ އަނދައި، މީހެއްގެ ފުރާނަ ގެއްލިފައިވެއެވެ.

އެހާދިސާއަށްފަހު މާލޭގައި ހުރި ކެމިކަލް ގުދަންތައް ބޭރުކޮށްފައިވާއިރު ކެމިކަލް ގުދަންކުރަން ސަރުކާރުން ވަނީ ހުޅުމާލެއިން ބިން ހަމަޖައްސައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން