ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4000 ހައުސިންގ ޔުނިޓް މަޝްރޫއުގެ ސްޕީޑާމެދު ހިތްހަމަޖެހޭ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ޢިމާރާތްކުރުމަށް އިއުލާނުކޮށްފައިވާ 4،000 ސޯޝަލް ހައުސިންގެ އެންމެފަހުގެ އަޕްޑޭޓްތައް ދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދިލައްވާފައެވެ.

މެމްބަރު އިމްތިޔާޒްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، 4000 ހައުސިންގ ޔުނިޓް މަސައްކަތުގައި ރަނގަޅު ކުރިއެރުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބައެއް އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށާއި، ބައެއް ޢިމާރާތްތަކުގެ ފިނިޝިން މަސައްކަތް ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ހަމަ ޔަގީންކަމާއެކު ދަންނަވަން ކެރޭނެ ރަނގަޅު މިންވަރެއްގެ ޕްރޮގްރެސް އެބަހުއްޓޭ. ކޮންކްރީޓް މަސައްކަތް ނިމި އޭގެ ތެރެއިން ބައެއް އިމާރާތްތަކުން ފިނިޝިން މަސައްކަތްވެސް އެބަ ކުރިއަށްދޭ." އަސްލަމް މިއަދު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހު ފްލެޓުގެ އެތެރެ ހުންނާނެ ގޮތް ދައްކާލިއިރު ފަރުނީޗަރު ހުރިނަމަވެސް އެތަން ދޫކުރާއިރު ފަރުނީޗަރު ނުހުންނާނެ ކަމަށެވެ. ހަމައެއާއެކު، ސަރުކާރުން ލަފާކޮށްފައިވާ ގޮތަށް މި މަޝްރޫޢު އަންނަ އަހަރުގެ އޮގަސްޓުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަށް ފަންޑް ހޯދުމަށް އިންޑިއާގެ އެގްޒިމް ބޭންކާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސޮއިކޮށްފައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ.

އިންޑިއާގެ އެން.ބީ.ސީ.ސީ ލިމިޓެޑާއެކު ސޮއިކޮށްފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ 2000 ސޯޝަލް ހައުސިންގ ޔުނިޓާއި، އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއެކު ސޮއިކޮށްފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތަށް 116.45 މިލިއަން ޑޮލަރުގެ ލޯނަކާއި، 110.5 މިލިއަން ޑޮލަރުގެ ލޯނެއް އެގްޒިމް ބޭންކުން ވަނީ ނަގާފައެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ދެ ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން