މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު ޖޫން މަހު އިވެލުއޭޓްކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަންނަ މޭ މަހުގެ ނިޔަލަށް ނުވަތަ ޖޫން މަހުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށެވެ.

މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުގެ ގޯއްޗަށް އެދި ހުށަހެޅި ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަނީ ވަކި ކޮމިޓީއަކުން ކަމަށެވެ. އަދި އެވަލުއޭޝަންގެ މަސައްކަތް ނިމުމުން ކޮމިޓީން އެކަން އަންގާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެބޭފުޅުން މަސައްކަތް ނިންމައި އަޅުގަނޑާ ހަމައަށް ރިޕޯޓް ކުރެވޭވަރުވާނީ މެއިގެ ނިޔަލަށް، ޖޫންމަހުގެ ކުރީކޮޅު." އަސްލަމް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ހުޅުވާލި ފުރުޞަތު ހަމަވީއިރު 35،861 ފޯމް ހުށައަޅާފައިވާ ކަމަށެވެ. ސަރުކާރުން ވަނީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35،861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމްއަށް ހުށައެޅި 15،164 ފޯމް ހިމެނެއެވެ. އޭގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމާއި، 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ވަނީ ހުށައަޅާފައެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. 2022 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުންވެސް ގޯތިދިނުމަށް ނިންމަވައި ރައީސް ޞާލިޙްވަނީ އެކަން އިއުލާނު ކުރައްވާފައިވެއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު." މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން