ސަރުކާރާއި ރައްޔިތުންނަށް ގެއްލުމެއް ލިބޭނެ އެއްވެސްކަމެއް ކޮށްފައި ނުވާނެ ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިފާޢީ ވަޒީރުކަމުގައި ހުންނަވައިގެން އެކަމަނާ މަސައްކަތް ކުރަށްވަމުން ގެންދަވަނީ ޤާނޫނާ ޤަވާއިދާ އެއްގޮތަށް ކަމަށެވެ.

އޭގެއިތުރުން މާރިޔާ ވިދާޅުވީ، ސަރުކާރާއި ރައްޔިތުންނަށް ގެއްލުމެއް ލިބޭނެ އެއްވެސްކަމެއް އެކަމަނާ ކުރަށްވާފައި ނުވާނެކަމަށާއި، އެކަމަނާގެ ވަޒީފާގެ ޒިންމާތައް އުފުއްލަވަމުން ގެންދަވަނީ ޤައުމާއި ރައްޔިތުންނަށް ހެވާއި ލާބަހުރި ގޮތުގައިކަމަށެވެ. އަދި އެކަމަނާ ފެއިލްވެފައިވާ ކަމަށް މެންބަރު ޝިޔާމް ވިދާޅުވެފައިވާތީ އެކަމަށްވެސް މިނިސްޓަރ ވަނީ ރައްދު ދެއްވާފައެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ އަޅުގަނޑު ޤަބޫލެއް ނުކުރަން. ނަމަވެސް އެއްވެސް ވަޒީރަކު، ކުރާކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން މި މަޖިލީހުގެ އެއްވެސް ޢިއްޒަތްތެރި މެންބަރަކަށް އެ ވަޒީރަކު ފެއިލްވީކަމަށް ޤަބޫލުފުޅު ކުރެއްވިއްޖެނަމަ އެވަޒީރަކާ ދޭތެރޭ ފިޔަވަޅު އެޅުއްވުމަށް ޤާނޫނު އަސާސީ އާއި ޤާނޫނުން ފުރިހަމަ އިޚްތިޔާރު ލިބިގެންވާކަން އަޅުގަނޑު ޤަބޫލުކުރަން." މާރިޔާ މިއަދު ވިދާޅުވިއެވެ.

މެންބަރު ޝިޔާމް މިއަދު މިނިސްޓަރ މާރިޔާ އާއި ސުވާލު ކުރަށްވާފައިވަނީ، ސަލާމަތީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއިއެކު ރިޓަޔާ ކުރައްވާފައިވާ ދިވެއްސަކު ބޭރު ގައުމެއްގައި އުފުލި ތަކުލީފަށް މިނިސްޓަރު މާރިޔާ ޖޯކު ޖައްސަވާފައިވާކަމަށް ތުހުމަތު ކުރަށްވައި އެކަމާ ގުޅޭގޮތުންނެވެ.

ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި މާރިޔާ ވަނީ އިންޑިއާގައި ޕީޕީއެމްގެ އެކްޓިވިސްޓަކު ހައްޔަރުކުރުމާއި ގުޅޭގޮތުން ހިނގި ކަންކަމަށް އިޝާރާތްކުރައްވައި ވަރަށް ބޮޑަށް އެކަން ދިފާކުރަށްވައި ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން