ކ. މާފުށި ހިއްކި ބިމުން ގޯތި ދޫކުރާއިރު، ގޯއްޗަށް އެދޭ ފަރާތަކީ މާފުށީ ރައްޔިތަކަށް ނުވާނަމަ، 30 ޕޮއިންޓް އުނިވާގޮތަށް ގޯތި ދިނުމާބެހޭ އުސޫލު އިސްލާޙު ކޮށްފިއެވެ.

މާފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާފުށިން އަލަށް ހިއްކި ބިމުންނެވެ. އެގޮތުން 2000 އަކަފޫޓުގެ 308 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށް މާފުށީ ކައުންސިލުން ބުނެއެވެ.

ގޯތި ދިނުމުގެ އުސޫލަށް ގެނެސްފައިވާ ދެ އިސްލާޙަކީ، މާފުށީ ރައްޔިތަކަށް 30 ޕޮއިންޓް ލިބޭގޮތަށް އޮތް އިސްލާޙާއި، އުމުރުން 40 އަހަރު ވެފައިވާނަމަ 20 ޕޮއިންޓް ލިބޭގޮތަށް އޮތް އިސްލާޙެވެ. އެ އިސްލާޙުތަކާއެކު މާފުއްޓަށް ނިސްބަތް ނުވާ މީހުންނަށް އެރަށުން ގޯތި ލިބުމުގެ ފުރުސަތު ހަނިވެގެން ދާނެއެވެ.

މާފުށީ ހިއްކި ބިމުން ގޯތި ބޭނުންވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން ހިމެނެއެވެ. ހަމައެއާއެކު ސަރުކާރުން ހަދާފައިވާ އިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ނުވުމާއި، އެފަދަތަނެއް ވިއްކާލިފަހުން ދެއަހަރު ވެފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ކައުުންސިލުން ބުނީ ގޯއްޗަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ސަރުކާރުގެ ގެޒެޓުން މިހާރު ޑައުންލޯޑް ކުރެވޭނެކަމަށާއި އަދި މާފުށި ކައުންސިލް އިދާރާއިން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އާ ހަމައަށް ފޯމް ލިބެން ހުންނާނެކަމަށެވެ.

ފޯމް ބަލައިގަތުން އޮންނާނީ އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އާ ހަމައަށެވެ.

ކ. މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް، އެ މަސައްކަތް 2021 އޮކްޓޯބަރުމަހު ވަނީ މުޅިން ނިންމާފައެވެ. މިމަޝްރޫޢުގެ ދަށުން އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން