އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށާނެކަމަށް ތަޢުލީމާބެހޭ ވަަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ކޮންސެޕްޓް ކުރެހުން މިހާރު ފައިނަލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޑީޓެއިލް ޑްރޮއިންސްގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު ބާ ޖަމާލުއްދީން ސްކޫލު ހުރި ތަނުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށާނީ މިއަދު ކަމަށާއި މިހާރު އޮތް ގޮތަށް މަސައްކަތް ކުރިއަށްދާނަމަ 2024 ވަނަ އަހަރުގެ ދިރާސީ އަހަރާއެކު އެ ސްކޫލު ހުޅުވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދުގެ ވަގުތެއްގައި އަމަލީ މަސައްކަތް، ބާ ޖަމާލުއްދީން ހުރި ތަނުގައި ކުރަން ފަށާނެ. ދެން ސްކޫލް ހުޅުވޭނެ ކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ މިހާރު އޮތް ވޯކް ޝެޑިއުލާ އެއްގޮތަށް ދާ ކަމަށް ވެއްޖެއްޔާ 2024 ވަނަ އަހަރު ދިރާސީ އާ އަހަރު" ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ބަޖެޓު ހުށަހެޅިއިރު އަރަބިއްޔާ ސްކޫލު ނުހިމެނި އޮތީ އިދާރީ ކުށެއްގެ ސަބަބުން ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. ނަމަވެސް އެކަން ފާހަގަވި ހިސާބުން ބަޖެޓު ފޮތުގައި ހިމަނާފައި ވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ހިންގަމުންދިޔަ ޢިމާރާތުގައި ރެނދުލައި އެޢިމާރާތުގެ ރައްކާތެރިކަން ކުޑަވުމާ ގުޅިގެން އެ މައްސަލައިގެ ދާއިމީ ޙައްލަކަށް މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އަރަބިއްޔާ ހިންގަމުންދިޔަ ޢިމާރާތުގައި ރެނދުލައި އެޢިމާރާތުގެ ރައްކާތެރިކަން ކުޑަވުމާ ގުޅިގެން ދާއިމީ ޢިމާރާތުގެ މަސައްކަތް ނިމެންދެން ސުކޫލު ވަގުތީ ގޮތުން، ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ވަނީ ބަދަލުކޮށްފައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022ގަ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 168 މިލިއަން ރުފިޔާ އަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން