ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ދައުލަތުން ކުރާ ޚަރަދު ކުޑަކުރަންޖެހޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަދައްކަމުން މެމްބަރު ހުސެއިން ވަނީ ރާއްޖެއަށް އާމްދަނީގެ ގޮތުގައި ލިބެނީ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ވަރަށް ކުޑަ މިންވަރެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ކޮކާ ކޯލާ ކުންފުނީގެ އެޑްވަޓައިޒިންގ ބަޖެޓަށް އަހަރެއްގެ މައްޗަށް ކަނޑައަޅާ އަދަދަށްވުރެވެސް ރާއްޖޭގެ އާމްދަނީ ކުޑަ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށްޓަކައި، ދައުލަތުން ޚަރަދު ބަލަހައްޓާ ފަރާތްތަކަށް ކުރާ ޚަރަދު ކުޑަކުރަން ޖެހޭ ކަމަށް ހުސެއިން ވިދާޅުވިއެވެ. އަދި މި ޚަރަދުތައް ކުރުމުގައި އިސްރާފު ނުކޮށް ދައުލަތުގެ ފައިސާ އެންމެ ރަނގަޅު ގޮތުގައި ހޭދަ ކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޚަރަދު ކުޑަކުރުމުގެ ވާހަކައަށް އިޝާރާތްކުރަށްވައި ހުސެއިން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ކުރާ ޖުމްލަ ޚަރަދު ކުޑަކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ޚާއްސަ ސެކިއުރިޓީއަށް މިއަހަރުވެސް 23 މިލިއަން ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައިވާކަން ފާހަގަކުރަށްވައި ހުސެއިން ވިދާޅުވީ ސެކިއުރިޓީއަށް ބޮޑު ޚަރަދެއް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ޚަރަދު ކުޑަ ކުރެވިދާނެ އެހެނިހެން ކަންކަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބޭސްފަރުވާއަށް އަޅުގަނޑުމެންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް ޖަރުމަނަށް ވަޑައިގެންނެވީމާ ޖަރުމަނުގައި ގަނޑުވަރުކޮޅެއް. އަދި އެގަނޑުވަރުކޮޅު ބަހައްޓަވާފާ އަނެއްކާ ލަންޑަނަށް ވަޑައިގެންނެވީމާ އަނެއްކާ ސަރުކާރުން ދެވަނަ ގަނޑުވަރުކޮޅަކަށްވެސް ޚަރަދުކުރީ. މިގޮތަށް ރައްޔިތުންގެ ފައިސާ ޚަރަދުކުރުމީ ދެރަކަމެއް." ރައީސް ނަޝީދަށް ދައުލަތުން ކުރާ ޚަރަދު ކުޑަކުރުމާއި ގުޅޭ ގޮތުން ހުސެއިން ވިދާޅުވިއެވެ.

ހުސެއިންގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ރައްޔިތުންނަށް ރަނގަޅުގޮތް ވާން އެދޭނަމަ، އަދި ދައުލަތުގެ އާމްދަނި އިތުރުކުރަން އެދޭނަމަ، މިފަދަ ޚަރަދުތައް ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން