ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހިމް ޝާޒް މަޖިލީހުގެ މެންބަރެއްގެ ހުވާ ކުރަށްވައިފިއެވެ.

ޝާޒް މެމްބަރުކަމުގެ ޤާނޫނީ ހުވާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު 10:00 ގައި ބޭއްވި ހަފުލާއެއްގަ އެވެ. ޝާޒަށް މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ސުޖޫން އެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގުރައިދޫ ދާއިރާގެ ދާއިމީ ނަތީޖާ ދައްކާގޮތުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 49.96 އިންސައްތައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މީގެކުރިން އެއްވެސް އިންތިހާބެއްގައި މާލެ އަތޮޅުގެ ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން ގުރައިދޫ ގޮނޑި ކާމިޔާބުވުމަކީ އެމްޑީޕީއަށް ވަރަށް ތާރީހީ މޮޅެކެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި އަލްއުސްތާޛް އިބްރާހީމް ރިޟާ ކެންސަރުގެ އާލާސްކަންފުޅެއްގައި ފެބުރުއަރީ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު