ރާއްޖޭގެ އިހްތިސާސުން ބައެއް މިސަރުކާރުން ދޫކޮށްލި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޗާގޯސް ރަށްތަކުގެ މައްސަލާގައި ދިވެހި ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ކުއްލި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ މިސަރުކާރުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ގެއްލުމެއްލިބޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އިހްތިސާސުން ބައެއް ދޫކޮށްލި ކަމަށް ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތައް ކަަމަށް ޝަރީފް މިއަދު ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ބައިނަލްއަޤުވާމީ ކޯޓުގައި ހުރި މައްސަލަތަކާ މެދު ބަސްބުނުމުގެ ފުރުސަތު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ލިބިފައިނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގެ އިން ކަނޑައަޅާނީ ރާއްޖޭން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ޝަރީފް ވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައި ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމުގައި ނިންމަވާފައި ނެތް ސަބަބާމެދު ސުވާލު އުފައްދަވާފައެވެ.

"ކީއްވެގެންތޯ މަނިކުފާނުގެ ވެރިކަމުގައި ފޯޅަވެއްސަކީ މިތަނުގެ ތަނެއް ކަމުގައި ނިންމަވާފައި ނެތީ. ކީއްވެގެންތޯ ކޯޓަށް މައްސަލަ ހުށަހެޅުއްވީ. އެއަށް ޖަވާބު ދެއްވާ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، މިފަދަ ސަރަހައްދީ މައްސަލަތަކަކީ އެއް ގައުމަކަށް އެކަނި ގޮތް ނިންމޭ ވަރަށް ވުރެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މީގެ 500 އަހަރު ކުރިން ހިފާފައި އޮތް ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް ހުކުމް ކުރުމަކީ ރާއްޖޭގެ ބާރު އޮތް ކަމެއް ނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޗާގޯސް މައްސަލަ އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް)އަށް ހުށަހަޅާފައިވާއިރު، އިޓްލޮސްގައި މިއޭޕްރިލް މަހު 28 ވަނަ ދުވަހު މި މައްސަލައަށް ގޮތެއް ނިންމުމަށް މިހާރުވަނީ ތާވަލުކޮށްފައެވެ.

މިމައްސަލަ އާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުން ލިބޭފަދަ އެއްވެސް ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައިނުވާނެ ކަމަށާއި ދެން ވެސް އެފަދަ ނިންމުމެއް ނުނިންމަވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މޮރިޝަޝް މައްސަލައިގައި ރާއްޖެއިން ދަމަހައްޓަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ. އެހެންނަމަވެސް ސިޔާސީ އަމިއްލަ މަންފާތަކެއް ހާސިލްކުރުމަށް ކަނޑައެޅިގެން އެނގި ތިބެ އެމައްސަލައާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް