މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް ދ.މީދޫ، ބިއްލޫރިވާދީ ޞަފާ ޝަފީގް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެންބަރު ކަމަށް ޞަފާ ޝަފީގު އައްޔަން ކުރަން ފެންނަ ކަމަށް 40 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާއިރު ވަކި ކޮޅަކަަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ.

ބްރޯޑްކޮމަށް އައްޔަނުކުރަން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ފޮނުއްވި ނަންތަކުގެ ތެރެއިން ޝިހާމް ވަޙީދަށް މެންބަރުންގެ ތާޢީދު ލިބިފައެއް ނުވެއެވެ. ބްރޯޑްކޮމްއަށް ޝިހާމް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި، ބްރޯޑްކޮމްއަށް ޝިހާމް އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ. ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަންކުރަން މަޖިލީހަށް ފޮނުވި ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ބެލުމުގެ ޓެސްޓު ކުރުމުގެ އިތުރުން އެކޮމެޓީން ވަނީ އެބޭފުޅުންނާއި އިންޓަވިއު ވެސް ކޮށްފައެެވެ. އެގޮތުން ޝިހާމާއި ސަފާގެ ނަން ކޮމިޓީން ފާސްކުރީ ކޮމިޓީގައި ތިއްބެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމަށް މެމްބަރަކު އައްޔަން ކުރުމަށް ނަން ފޮނުއްވީ އެކޮމިޝަންގެ މެމްބަރު އަމްޖަދު އިބްރާހީމްގެ މެމްބަރުކަމުގެ މުއްދަތު މިދިޔަ މަހުގެ 15 އަށް ހަމަވުމާ ގުޅިގެންނެެވެ.



ކިޔުންތެރިންގެ ހިޔާލު