މަޖިލީސް ކުރިއަށްދާނީ އުސޫލާ އެއްގޮތަށް ކަމަށާއި، ސަރުކާރުން ބުނާހާ ގޮތަކަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ވަކިކަމެއް އަވަސްކުރުމަށް ބޭނުންވުމުން މަޖިލީހުން އެކަން ކުރުމަށް ވަގުތު ދަންމާލާނެ ކަމަށް އެއްވެސް މެމްބަރަކު ދެކިވަޑައިގަންނަވައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ވޯޓަށް އަހާހިސާބަށް ގޮސްފައިހުރި މައްސަލައެއް އޮތްނަމަ ވޯޓަށް އައްސަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުނި މެނޭޖުކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ރައީސް ނަޝީދު ވިދާޅުވީ އެއީ ފަންސާހަކަށް މީހުން ރީޓްވީޓްކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ދަންމާލައި، އަވަސް ކުރަންޖެހޭ ބާވަތުގެ ބަހުސެއް ނޫން ކަމަށާއި އެކަމާމެދު މަޖިލީހުން ފުންކޮށް ވިސްނަން ޖެހޭނެ ކަމަށެވެ. އަދި އެ ބިލު މިއަދު ކޮމިޓީއަށް ފޮނުއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެއްވެސް މެންބަރަކުގެ ހިތަށް ވައްދަވައިގެން ނުވާނެ ސަރުކާރުން ކަމެއް ބޭނުންވީމާ އެކަމެއް އަވަހަށް ކުރަންވެގެން އަޅުގަނޑަށް ޖެހިގެން މިތަނުގައި އިނދެ އަޅުގަނޑު ކަމެއް ކުރާނެ ކަމަށް. އެއީ އެކަން ހިނގާނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް މަޖިލީސް މިއަދު ޗުއްޓީއަށް ދާނެކަން ފާހަގަކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު ކޮމިޓީތަކަށް ފޮނުވިފައިވާ މައްސަލަތައް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ކޮމިޓީން ނިންމާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

އަދި ޗުއްޓީއަށްފަހު މަޖިލިސް ހުޅުވޭއިރު ކޮމިޓީ ރިޕޯޓުތަކަށް މަޖިލީހުން ގޮތެއް ނިންމޭ ވަރަށް މަސައްކަތް ކުރެއްވުމަށް މެންބަރުންގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު