ރޭގެ މެޗްގައި ޕެނަލްޓީ ވައްދާލުމަށްފަހު ކެޕްޓަން ރާމޯސް
ރޭގެ މެޗްގައި ޕެނަލްޓީ ވައްދާލުމަށްފަހު ކެޕްޓަން ރާމޯސް
ވާދަވެރި ބާސެލޯނާއަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައި، ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.

ރެއާލް މެޑްރިޑަށް ވާދަވެރި ބާސާގެ މައްޗަށް ލީޑު ފުޅާކުރަން ފުރުސަތު ލިބުނީ ދެ ވަނައިގައި އޮތް ބާސެލޯނާ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑާ 2-2 އިން އެއްވަރުވުމުންނެވެ. ރޭގެ މެޗު ރެއާލް ކާމިޔާބު ކުރީ 1-0 އިން ގެފަޓޭ ބަލިކޮށްފައެވެ. މި މެޗުގައި ރެއާލްގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

ރެއާލް އެއް ވަނައިގައި އޮތީ 33 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 33 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. މި ދެ ޓީމާ އެންމެ ގާތުގައި، ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 33 މެޗުން 59 ޕޮއިންޓެވެ.

ލީގުގައި ބާކީ ފަސް މެޗު އޮއްވާ މި ލިބުނު ލީޑާ އެކު ރެއާލް މިވަނީ ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ގޮސްފަ އެވެ. ތާވަލުގެ ހަ ވަނައިގައި އޮތް ގެޓަފޭ އަކީ ރެއާލަށް ބާކީ ހުރި މެޗުތަކުން އެންމެ އުނދަގޫވާނެ މެޗު ވެސް މެ އެވެ. އަނެއްކޮޅުން ހެޑް-ޓު-ހެޑް އިން ބާސެލޯނާގެ މައްޗަށް ރެއާލް ކުރި ހޯދާފައިވާތީވެ، އެ ޓީމަށް ލީގު ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ރެއާލަށް އާދީއްތަ ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯ ބަލިކުރެއްވިއްޖެ ނަމަ، އެރޭ ބާސެލޯނާ އިން ރަށުން ބޭރުގައި، ފޯމުގައި އޮތް ވިޔަރެއާލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ހަތް ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.

ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފައިވަނީ، އަދި އެއްވެސް އެއްޗެއް ހާސިލް ނުކުރެވޭ ކަމަށާއި، އެހެންނަމަވެސް މިގޮތަށް ކުރިއަށް ގޮސް، ވަރުގަދަކޮށް އޮތިއްޔާ ނަތީޖާ ރަނގަޅުވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން