ޖަލުގައި މިހާތަނަށް އެންމެ ރަނގަޅު ޚިދުމަތް ދެވުނު ގައިދީއަކަށް ރައީސް ޔާމީން ވާނެކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިމޭރުމުން ވިދާޅުވެފައިވަނީ، މާފުށީ ޖަލުގައި ރައީސް ޔާމީން ހުންނެވި ކޮޓަރީގައި ކެމެރާ ހަރުކޮށްގެން، އެމަނިކުފާނުގެ ހަރަކާތްތައް އެޕްލިކޭޝަނެއް މެދުވެރިކޮށް، އިމްރާން ބައްލަވަމުން ގެންދަވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އިދިކޮޅު ފަރާތްތަކުން ރޭ ބުނެފައިވަނީ މިނިސްޓަރ އިމްރާން މަޤާމުން ވަކިކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އޭގެއިތުރުން މިނިސްޓަރ އިމްރާނަކީ މަޤާމު ހޯދުމަށާއި މަޤާމުގެ ދިފާޢުގައި ހަމަކޮށްމެފަދަ ކަމެއްވެސް ކޮށްފާނެ ބޭފުޅެއް ކަމަށާއި، މިނިސްޓަރ އިމްރާންގެ ބަސްމަގު ގެންގުޅުއްވާގޮތުން އެމަނިކުފާނުގެ ބާރުހިނގާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ދަޢުލަތުން ރައީސް ޔާމީން ބެހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު ޝިޔާމްވެސް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން މިނިސްޓަރ އިމްރާން މިއަދު ވިދާޅުވީ، ޖަލުގައި މިހާތަނަށް އެންމެ ރަނގަޅު ޚިދުމަތް ދެވުނު ގައިދީއަކަށް ރައީސް ޔާމީން ވާނެކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގެ އޮފިސަރުން ހެކިވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ އިންސާނީ ޙައްޤާއި ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުގެ ޟަމީރު ތަންދޭ ކަމެއް ނޫން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.



ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތް ކުރެވުނީ މޭޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަ ކަމާއި ކުރި ހިތްވަރުގެ ސަބަބުންކަމަށެވެ. އަދި ރާއްޖޭގައި 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއަކީ ރާއްޖޭގެ ތާރީޚް ބަދަލުކޮށްލި ޙަރަކާތެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 11 އަހަރަށް ޖަލަށް ލިއެވެ. އިމްރާން މިނިވަންވީ ރައީސްޔާމީނަށް ރިޔާސީ އިންތިޚާބުން ނާކާމިޔާބުވީ ފަހުންނެވެ.

ހަމައެއާއެކު މިވަގުތު ރައީސް ޔާމީން ގެންދަވަނީ ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ޙުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ. އަދި ދާޚިލީ ވަޒީރެއްގެ ޙައިސިއްޔަތުން ޖަލުތައް ބަލަހައްޓަވަމުން ގެންދަވަނީ މިނިސްޓަރ އިމްރާނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް