އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ޖަލުގައި ކެމެރާ ހަރުކޮށްފައި ނުހުންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

މާފުށީ ޖަލުގައި ރައީސް ޔާމީން ހުންނެވި ކޮޓަރީގައި ކެމެރާ ހަރުކޮށްގެން، އެމަނިކުފާނުގެ ހަރަކާތްތައް އެޕްލިކޭޝަނެއް މެދުވެރިކޮށް، އިމްރާން ބައްލަވަމުން ގެންދަވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، ރައީސް ޔާމީންގެ އިންސާނީ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ޖަލު ގޮޅީގައި ކެމަރާ ހަރުކޮށްފައި ނުހުންނާނެ ކަމަށެވެ. ނަމަވެސް ޖަލު ގޮޅި ބެލެހެއްޓުމަށް ނުވަތަ ސަވައިލެންސްގެ ބޭނުމަށް ކެމަރާއެއް ހުންނާނެ ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

ކަރެކްޝަނުން ބުނީ އިދިކޮޅު ޕާޓީން ތުހުމަތުކުރާ ގޮތަށް، ރައީސް ޔާމީންގެ އެއްވެސް ޙައްޤަކަށް އަރައިގަނެވޭގޮތަށް އެމަނިކުފާނު ހުންނަވާ ގޮޅީގައި ކެމެރާއެއް ނުހުންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން ދާޚިލީ ވަޒީރު އިމްރާނުވެސް ވިދާޅުވެފައިވަނީ، ޖަލުގައި މިހާތަނަށް އެންމެ ރަނގަޅު ޚިދުމަތް ދެވުނު ގައިދީއަކަށް ރައީސް ޔާމީން ވާނެކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގެ އޮފިސަރުން ހެކިވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ އިންސާނީ ޙައްޤާއި ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުގެ ޟަމީރު ތަންދޭ ކަމެއް ނޫން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ރައީސް ޔާމީން މިވަގުތު ގެންދަވަނީ ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ޙުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް