ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާޢީދު ކުރަށްވާ އެމްއާރުއެމްގެ އިސް 11 ބޭފުޅަކު ޕާޓީން ވަކިވުމަށް ނިންމަވާފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޗާގޯސް މައްސަލައިގައި ސަރުކާރަށް ފާޑުކިޔައި އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސްއެއް ކަމަށްވާ ނާދިރާ ބައިވެރިވެވަޑައިގެންނެވުމުން ޕާޓީގެ އެތެރޭގެ މަސްރަޙުވަނީ ހޫނުވެފައެވެ. އެކަމާ ގުޅިގެން ރޭވަނީ އެޕާޓީގެ ކުއްލި އެކްސްކޯ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ރޭގެ ބައްދަލުވުމުގައިވެސް މެމްބަރުންގެ މެދުގައި ހުރި ޚިޔާލު ތަފާތުވުން އެއްގޮތް ކުރެވިފައިނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ރޭގެ ބައްދަލުވުމުގައި ޕާޓީގެ ޒަޢީމް އަދި ކުރީގެ ރައީސް މައުމޫން އާއި ޕާޓީގެ ރައީސް ފާރިސް މައުމޫންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެމްއާރުއެމުން އިސްތިއުފާ ދެއްވާ ހުރިހާ މެންބަރުންނަކީ ވެސް ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ތާއީދު ކުރައްވާ މެންބަރުންނެވެ. އޭގެތެރޭގައި މިނިސްޓަރ ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ހިމެނިވަޑައިގެންނެވި ނަމަވެސް މިވަގުތު ރައީސް ޞާލިޙްގެ ކެބިނެޓުގައި ތިއްބެވި އެމްއާރުއެމްގެ ވަޒީރުން ޕާޓީން ވަކިވެވަޑައި ނުގަންނަވާނެކަމަށް މަޢުލޫމާތުލިބެއެވެ.

މިއަދު އިސްތިޢުފާ ދެއްވާ ބޭފުޅުންގެ ތެރޭގައި އެމްއާރުއެމްގެ ސްލޮޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބެވި ތިން ބޭފުޅަކާއި އެގްޒެކްޓިވް ޑިރެކްޓަރުންނާއި އެ ނޫން ވެސް ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

އެމްއާރުއެމުން މިހާރުވަނީ އެމްޑީޕީއާއެކު ދެ ވަނަ ދައުރަކަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މުހިންމު ހުށައެޅުންތަކެއް އެމްޑީޕީއަށް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް