ސަރުކާރާއެކު މަސައްކަތް ނުކުރެވޭ ބޭފުޅުންނަށް ސަރުކާރުން ވަކިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރާއެކު މަސައްކަތް ނުކުރެވޭ ބޭފުޅުންނަށް ސަރުކާރުން ވަކިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެބޭފުޅުންނާ ޙަވާލު ކުރަށްވާފައިވާ ޒިންމާ އަދާނުކުރަށްވާނަމަ އޮންނަ އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ރިޔާސީ އިންތިހާބު ކައިރިވަމުން ދިޔަވަރަކަށް ބައެއްކަހަލަ ކަންކަން ފެންނާނެ ކަމަށެވެ. އެގޮތުން އިއްޔެ ޗާގޮސް މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ކޯލިޝަންގެ ބައެއް ޕާޓީތަކުން ބައިވެރިވުމަކީ އެފަދަ ކަމެއްކަމަށް މިއުވާން ވިދާޅުވިއެވެ.

"ދެން އެބޭފުޅުނަށް ސަރުކާރާއެކު މަސައްކަތް ނުކުރެވި ރައްޔިތުންނަށް ދޭ ހިދުމަތް ދިނުމަށް ދަތިވާކަމުގައިވާނަމަ ނުވަތަ ރައްޔިތުންނަށް އޭގެ ސަބަބުން އެއްވެސް ދައްޗެއް ވާނަމަ އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ." މިއުވާން ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މިއުވާން ވިދާޅުވީ ސިޔާސީ މަޤާމުތަކަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމަކިީ ރައީސަށް އޮތް ބާރެއްކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ނުކުރެވޭނަމަ، ސިޔާސީ މަޤާމުތަކުން މީހުން ވަކި ކުރުމަކީ ރައީސް ކުރައްވާނެ ކަމެއްކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މި ސަރުކާރުން ސިވިލްސަރވިސް ވަޒީފާތަކުގައި ތިއްބަވާ ބޭފުޅުންނަށް ވަޒީފާގެ ބިރު ދައްކައި، އެމީހުންގެ ހައްގުތަކަށް އަރައި ނުގަންނާނެ ކަމަށް މިއުވާން ވިދާޅުވެފައިވެއެވެ. އެގޮތުން ކުރީގެ ސަރުކާރުން ސިވިލްސަރވިސް މުވައްޒިފުންގެ ސިޔާސީ ފިކުރަށް ބަލައިގެން ވަޒީފާތަކުން ވަކިކުރިނަމަވެސް މިސަރުކާރުން އެކަން އެގޮތަށް ނުކުރާނެ ކަމަށް މިއުވާން އެދުވަހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު