މުވައްޒަފުންނަށް ހެޔޮ ގޮތެއް ހޯދައިދިނުމަކީ އިންތިޚާބާ ގުޅުންހުރިކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިމޭރުމުން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމާއި، މިއަހަރުގެ ސެޕްޓެންބަރުމަހު ބާއްވާ ރިޔާސީ އިންތިހާބާ އެއްވެސް ގުޅުމެއް ނެތް ކަމަށް މިޢުވާން މިއަދު ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތް ކުރާނެކަމަށާއި، އެއީ ރިޔާސީ އިންތިހާބާ ގުޅިގެން ކުރާކަމެއް ނޫން ކަމަށެވެ. ހަމައެހެންމެ ސަރުކާރުގެ ކުންފުނިތަކުންވެސް، އެ ކުންފުންޏެއްގެ މުސާރައަށް ބަދަލު ގެންނަން ބޭނުންވާނަމަ، އެ ފުރުސަތު ކުންފުނިތަކުގެ ބޯޑަށް އޮންނާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

"މުވައްޒަފުންނަށް ހެޔޮ ގޮތެއް ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ." މިއުވާން ވިދާޅުވިއެވެ.

މިޢުވާން މިމޭރުމުން ވިދާޅޫވެފައިވާއިރު ދާދިފަހުން ސަރުކާރުން ވަނީ ޞިއްޙީ ދާއިރާގެ މުސާރަތައް އެއްހަމަކޮށްފައެވެ. ސަރުކާރުން ގެންނެވި އެބަދަލާ ގުޅިގެން ކުރިން އިތުރުގަޑިއާ އެކު 20،459 ރުފިޔާގެ މުސާރަ ލިބޭ، ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށާއި، ސްޕެޝަލިސްޓް ނަރުހަކަށް، 41،976 ރުފިޔާ ލިބޭނެކަން ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

މީގެ ކުރިން ސަރުކާރުންވަނީ ތަޢުލީމީ ދާއިރާގެ މުސާރަތައްވެސް ބޮޑުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު