ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރ އިމްރާން މުޙައްމަދު
ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރ އިމްރާން މުޙައްމަދު
ފީފާ ސެންޗަރީ ކުލަބްގައި ހިމެނުމުގެ ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ހޯދައިފިއެވެ.

17 އަހަރު ރާއްޖޭގެ ގައުމީ ޓީމްގެ ކީޕަރުކަން ކުރުމަށްފަހު، 2016 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅުން ހުއްޓާލި އިމްރާން ފީފާ ސެންޗަރީ ކުލަބްގައި ހިމެނިފައިވަނީ ގައުމީ ޓީމަށް 109 މެޗް ކުޅެގެންނެވެ. މިހާރު ގައުމީ ޓީމުގެ އެސިސްޓަންޓް ގޯލްކީޕަރު ޓްރެއިނަރުގެ މަޤާމުގައިހުރި ޢިމްރާންގެ މި ކާމިޔާބަށް، އެފްއޭއެމުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

މި ލިސްޓުގައި ހިމެނުމާ ގުޅިގެން އިމްރާން ބުނީ ފީފާ ސެންޗަރީ ކްލަބުގައި ހިމެނުމަކީ ދިވެހި ފުޓްބޯޅަ އަށް އަދި އޭނާ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ދެކޭ ކަމަށާއި އޭނާ ދިން އެހީއާއި ތާއީދަށް އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ.



އިމްރާން ވަނީ ދިވެހި ގައުމީ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ސާފް ޗެންޕިއަންޝިޕް ގައުމީ ޓީމާއިއެކު ކާމިޔާބުކޮށްފައެވެ. އޭނާއަކީ ގައުމީ ޓީމުގެ ގޯލު މިހާތަނަށް އެންމެ ގިނަ ދުވަހު ބެލެހެއްޓި ކުޅުންތެރިޔާއެވެ. ފީފާ ސެންޗަރީ ކްލަބުގައި ހިމެނުމާ އެންމެ ކައިރީގައި މިވަގުތު ހުރި ދިވެހި ކުޅުންތެރިޔަކީ ގައުމީ ޓީމަށް 80 މެޗު ކުޅެދީފައިވާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

1999 ވަނަ އަހަރު ކްލަބް އީގަލްސް އިން ފުޓުބޯޅަ ކެރިއަރު ފެށި އިމްރާން ވަނީ، އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި، 2000 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ސީރިއާ އާއި ރާއްޖެ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައި ފުޓުބޯޅަ އާއިލާގެ ސަމާލުކަން ހޯދާފައެވެ. އަދި އެ އަހަރު މާލޭގައި އޮތް ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ރާއްޖެ ހޯދިއިރު އޭނާގެ މޮޅު ކުޅުމާއެކު ދިވެހިންގެ ހިތްތައް އޭނާ ފަތަޙަކުރިއެވެ.

ޢިމްރާން ވަނީ، ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން މިދިޔަ އަހަރު ގައުމީ އިނާމް ހާސިލްކޮށްފައެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ފުޓްބޯޅައިން ރަންމެޑަލް 2008 ވަނަ އަހަރު ހޯދައިދިން ގޯލްކީޕަރ ވަނީ، 2003 އާއި 2009 ގައި ރާއްޖެއަށް ސާފް ޗެމްޕިއަން ޝިޕްގެ ރިހި މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިހާތަނަށް ހަތް ސާފު ޗެމްޕިއަންޝިޕެއްގައި ކުޅެފައިވާ އިމްރާނަކީ ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރެވެ.

ގައުމީ ޓީމުގެ ވައިސް ކެޕްޓަންކޮށް އަދި 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ އިމްރާނަކީ، ގޯލް ކީޕަރެއްގެ އިތުރުން ލީޑަރޝިޕް ކޮލިޓީ ވަރަށް ރަނގަޅު ލީޑަރެކެވެ. އޭނާގެ 17 އަހަރުގެ ފުޓުބޯޅަ ކެރިއަރުގައި ވަނީ 2004 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗުގަ އާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް ރާއްޖޭގެ ދިފާޢީ މައި އައްޑަނައިގެ ގޮތުގައި ޙަރަކާތްތެރިވެފައެވެ.

އިމްރާންގެ ކްލަބް ކެރިއަރުގައި އީގަލްސް، ވިކްޓްރީ، ނިއުރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ، މާޒިޔާ އަދި ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ކުޅެފައެވެ. އޭނާގެ ރަންޒަމާނުގައި ވިކްޓްރީއާ އެކު 2002 ވަނަ އަހަރު ގައުމީ ތަށި މިލްކުކުރިއިރު 2014 ވަނަ އަހަރު ނިއުއާ އެކު ވެސް އެ ޝަރަފް ހޯދިއެވެ. އަދި ނިއު އިން 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ. އެ އަހަރު އޭނާ ގޯލުގައި ހުރެ ލަނޑެއް ޖަހައި ހާއްސަ ޝަރަފެއް ވެސް ހޯދި އެވެ.

ފީފާ ސެންޗަރީ ކުލަބްގައި ދެން ހިމެނޭ ދެކުނު އޭޝިއާގެ ކުޅުންތެރިޔަކީ، އިންޑިއާ ގައުމީ ޓީމަށް 115 މެޗު ކުޅެފައިވާ ފޯވާޑް ސުނިލް ޗެތުރީ އެވެ. ފީފާ އިން ބަލައިގަންނަ މެޗުތަކަކީ ވޯލްޑް ކަޕާއި އެ މުބާރާތުގެ ކޮލިފައިން އާއި ސަރަހައްދީ މުބާރާތްތަކާއި އޭގެ ކޮލިފައިން އާއި ސީނިއާ ގައުމީ ޓީމުތަކުގެ މެދުގައި ކުޅެވޭ އެކުވެރިކަމުގެ މެޗުތަކާއި އޮލިމްޕިކްސް އާއި އޭގެ ކޮލިފައިން މެޗުތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން