ޕެންޝަން ފައިސާއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ޕެންޝަން އޮފީހުން ހުޅުވާލައިފިއެވެ.

ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެމީހެއްގެ ޕެންޝަން ސްކީމްގައި ހުރި ފައިސާއިން 80 އިންސައްތަ ދޫކުރެވޭގޮތަށް ސަރުކާރުން ވަނީ ޕެންޝަން ޤާނޫން 2019 ވަނަ އަހަރު އިސްލާޙުކޮށްފައެވެ.

ޕެންޝަން އޮފީހުން އިއްޔެ ބުނީ، ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ދަށުން، މީހުން ހައްޖަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖަށް މީހުން ގެންދިއުމާގުޅޭ އުސޫލުގައިވާ ގޮތުން، ހައްޖަށް ގެންދާކަމުގެ ލިޔުމެއް ހުށައެޅުމުން ހައްޖަށް ދާން އެދޭ ފަރާތަށް ފައިސާ ދޫކުރަންޖެހެއެވެ.

އެގޮތުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ގްރޫޕްތަކުން މި މަހުގެ 14ގެ ކުރިން އެކަން ޕެންޝަން އޮފީހަށް އެންގުމަށް އެއޮފީހުން ވަނީ އެދިފައެވެ. ޕެންޝަން އޮފީހުން ބުނީ މި ޚިދުމަތް ދެވޭނީ ޕެންޝަން އޮފީހާއެކު އެއްބަސްވުން ގާއިމްކޮށްފައިވާ ފަރާތްތަކަށް ކަމަށާއި، އެ ފަރާތްތަކަކީ މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 1،000 މީހުންގެ ހައްޖު ކޯޓާއެވެ. އަދި ސަރުކާރުން ގެންދަނީ މިއަދަދު 2500 އަށް އިތުރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އަމިއްލަ ތިން ކުންފުންޏަކަށް ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަމިއްލަ ކުންފުނިތަކަށް 270 ހައްޖު ކޯޓާ ދިނުމަށްފަހު ބާކީ 730 ކޯޓާ މިއަހަރު ޚާއްސަކޮށްފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން