ފޯޅަވަހި މައްސަލާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުމާ ގުޅިގެން އެކޯލިޝަންގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަޙްމަދު ސިއްދީޤު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅުން ފޯޅަވަހި މައްސަލާގައި ރައީސް ނަޝީދާއި އިއްޔެ ބައްދަލުކޮށްފައިވާއިރު ރައީސް ނަޝީދު ވަނީ ފޯޅަވަހި މައްސަލައިގައި އިޓްލޮސްގެ ނިންމުން ބަލައިނުގަތުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އިއްޔެ ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވާލި މައްސަލައާއި ގުޅިގެން ރައީސް ނަޝީދާއި ބައްދަލު ކުރެއްވި ކަމަށެވެ. ބައްދަލުވުމުގެ އިތުރު ތަފްސީލް އަދުރޭ ހާމަކުރަށްވާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ޕީޕީއެމްގެ ޙަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ސިއްދީޤު ވިދާޅުވީ، ޕީޕީއެމްގެ ލީޑަރޝިޕް ރައީސް ނަޝީދާއެކު އެއްފޮޓޯއެއްގައި ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ މިހާތަނަށް ދުށް އެންމެ ހުތުރު މަންޒަރުކަމަށް ސިއްދީޤު ވިދާޅުވިއެވެ.



އިދިކޮޅު ލީޑަރު ޔާމީން ވަނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ އެންމެހާ ބޭފުޅުންނާ އެކު މަސައްކަތް ކުރަން ޕީޕީއެމްގެ ލީޑަރޝިޕަށް ލަފާ ދެއްވައިފައެވެ.

އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި، ޕީޕީއެމްގެ ނައިބުު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ. ރައީސް ނަޝީދުގެ އިތުރުން ފިކުރެއްގެ ދިރުމުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރެވެ.

ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެއާ އެގައުމާ ދެމެދު ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ އިން ކަނޑައެޅި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެކަމުގައި އިދިކޮޅުން ކަންބޮޑުވުން ފާޅުކުރާ އެއް ކަމަކީ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖޭން ގަބޫލުކުރާ ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި ވުމެވެ.

މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.



ކިޔުންތެރިންގެ ހިޔާލު