ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަކީ އެމްޑީޕީ އާއި ޕީޕީއެމެވެ. އަދި ރައީސް ޔާމީނުގެ ބާރުވެރި ކަމުގެ ދަށުގައި އަދުރޭ ބޮޑަކަށް ބަހައްޓައިގެން ހިންގާ އެހެން ކުޑަ ޕާޓީއެއް އެއްކޮށްގެން ހަދާފައިވާ ޕްރޮގްރެސިވް ކޯލިޝަނާއެކު އެޕާޓީގެ ބާރު ނުހަނު ގަދައެވެ. މި ބާރު ދެމެހެއްޓުމަށްޓަކާ ކޮންމެ ޕާޓީއަކުންވެސް މިހާތަނަށް އައީ މަސައްކަތް ކުރަމުންނެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމަކީ މިބުނާ ބާރު ދަމަހައްޓަން ކޮންމެހެން ކުރަންޖެހޭ، ލާޒިމު ކަމެކެވެ.

ނަމަވެސް މިހާރު މިވަނީ މަންޒަރު ބަދަލުވާން ފަށާފައެވެ. ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަން ގާތްގަނޑަކަށް ޔަގީންވެފައިވީ ނަމަވެސް އެޕާޓީން އަދިވެސް ބުނަނީ ޔާމީނު ނޫން އެހެން ގޮތެއް ނެތް ކަމަށެވެ. މިހެން ވާންޖެހޭ ސަބަބެއްވެސް އެބައޮތެވެ.

ޕީޕީއެމަކީ ރައީސް ޔާމީނުގެ ފުރިހަމަ ބާރު ހިނގާ ތަނެކެވެ. އެމަނިކުފާނުގެ ބަހަކީ އެޕާޓީގެ ޤަވާއިދެވެ. ހުރިހާ ކަމެއްވެސް ވާންޖެހޭނީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތަށެވެ. ޕާޓީން ރިޔާސީ އިންތިޚާބަށް ދެވަނަ ވިސްނުމަކަށް ނުގޮސްގެންވެސް އުޅެނީ މި ސަބަބަށްޓަކައެވެ.

ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވި ގޮތުގައި "ޔާމީނު ނޫން އެހެން ކެންޑިޑޭޓަކު ނެރޭކަށް އެމަނިކުފާނު ބޭނުމެއް ނުވޭ. އެއީ ރައީސް ނަޝީދު މިހާރު ތަޖުރިބާ ކުރަމުން ބީދައިން އެމަނިކުފާނުގެ ބާރު ގެއްލިދާނެތީ. އަނެއްކޮޅުން ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރިގެން ރައީސް ކަމަށް ހޮވުނަސް އެމަނިކުފާނު މިނިވަންކުރާނޭ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތުމުން" ނެވެ.

މިއީ ޕީޕީއެމްގެ އެތެރޭގައި ދެކެވޭ ވާހަކަތަކެވެ. އެވާހަކަތައް މިހާރު ވަނީ ތޮށިގަނޑު ފަޅާލާފައި ބޭރަށް ނިކުންނަން ފަށާފައެވެ.

ދާދި އިހަކަށް ދުވަހު ފޯރިގަދަކޮށް ދެކެވުނު ވާހަކައަކީ ޑރ. މުއިއްޒު ރިޔާސީ ކެމްޕޭނު ކުރައްވާ ވާހަކައެވެ. އެކަމާއި ހެދި އޭނާއަށް ކެމްޕޭނު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ރަމީޒު ވަނީ ޕީޕީއެމުން ސައިޒު ކޮށްފައެވެ. ސީދާ ރައީސް ޔާމީނުގެ އޯޑަރަށެވެ.

މުއިއްޒުގެ އިތުރުންވެސް ބުޅާ މަސްގަނޑަށް ބަލާހެން ޕީޕީއެމްގެ ރިޔާސީ ޓިކެޓާއި ރަނިންމޭޓް ކަމަށް ކަޅި އަޅަމުންދާ އެތަކެއް ލީޑަރުން އެބަތިއްބެވެ. އެލިސްޓުގެ އެންމެ ކުރީ ސަފުގައި ހިމެނެނީ ޑރ. ޖަމީލާއި ކުރީގެ ރައީސް ޑރ. ވަހީދެވެ. ޣައްސާނާ ސަޢީދެވެ.

މީގެ އިތުރުންވެސް އެތައް ބަޔަކު އަންނަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ކަޅި އަޅަމުންނެވެ. މީގެ ދެތިން ދުވަސް ކުރިން މައިކު އަތަށް އެރުމުން 'މިހާރުގެ ހާލަތަށް ބަލާފައި ވެރިކަމަށް ނުކުންނަން ގަސްތު ނުކުރާ' ކަމަށް ބުނެ ޝިޔާމު ވަނީ އަދުރޭ އަތަށް މައިކު ދެއްވާފައެވެ. މިކަމުންވެސް ދޭހަވަނީ ވެރިކަން ކުރުމަކީ ޝިޔާމުގެވެސް ހުވަފެނެއް ކަމެވެ.

ނަމަވެސް ގާސިމުގެ ފަހަތަށް އެރުމަށް ޕީޕީއެމުން ހިސާބު ޖަހާނަމަ އަނެއްކާވެސް ނުކުންނާނީ އަދުރޭ ހިސާބު ޖަހާހެން 50 އާއި ހަތަރަކާއި ގުނަ ކުރީމާ ދެލައްކަ ނުކުންނަ ކަހަލަ ނަތީޖާއެކެވެ. އެއީ ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރެފިނަމަ މުޅި ޕާޓީ ބައިބައިވެގެންދާ މަންޒަރެވެ. ޕާޓީގެ ބާރު ކެނޑޭތަނެވެ. އަހަރުތަކެއް ފަހުން ރައީސް ޔާމީނު މިނިވަންވިޔަސް އަލުން ޕާޓީ ހޯދާ ނުފެންނަ ހިސާބަށް ޕާޓީގެ ހާލަތު ދާތަނެވެ.

ޕީޕީއެމުން ޔާމީނު ނޫން އެހެން ކެނޑިޑޭޓެއްގެ ވާހަކަ ފާޅުގައި ނުދައްކަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޔާމީނު ދެކެ ގަންނަ ބިރަކުންނެވެ. ޔާމީނު އެހެން ކެންޑިޑޭޓަކަށް ޓިކެޓް ދީގެން ރިޔާސީ ރޭހަށް ނެރެން ބޭނުންފުޅު ނުވަނީ ސައްތައިން ސައްތަ އިތުބާރު ކުރެވޭ ބޭފުޅަކު ނެތީމައެވެ. ނަޝީދު ހެއްދެވި ކަހަލަ ޑީލެއްގެ ތެރެއިން އެހެން މީހަކު ނެރެގެން ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލޭތަން ފެނިވަޑައިގަންނަވާތީއެވެ. ކިތަންމެ ވަރުގަދަ ޑީލެއް ނުވަތަ އަހުދު ނާމާއެއް ހަދައިގެން މީހަކު ނެރުނަސް ދެދައުރު ހަމަކޮށްފައި ނޫނީ ވެރިކަމުން ނުފައިބާނެތީއެވެ.

އެހެން ނޫންނަމަ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޑރ. ވަހީދާއި ޑރ. ޝަހީމަށް ދޭން އުޅޭ ވާހަކަ ލިޔެލީމާ ޕާޓީގެ އެތައް މެންބަރުންނެއް އެއްވެ އޮތް ބައްދަލު ވުމެއްގައި އެދެބޭފުޅުންގެ އަގު ވައްޓާލައި "ބަރަހަނާ" ކޮށެއް ނުލާނެއެވެ. ދެން އޭގެފަހުން އައީ ޑރ. މުއިއްޒުގެ ވާހަކައެމެ. މުއިއްޒަށް ތާއީދު ކުރާ ޒާތަކަށް އުޅުއްވި މާލޭ ސިޓީގެ ކައުންސިލަރު ވެސް ކަންފަތުގަ ހިފާފައި ނަގާ ހޫރާލީއެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކިތަންމެ ވަރަކަށް ތަކުރާރު ކުރަށްވާފައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމަށް ވިދާޅުވެ އެމަންޒަރު އަދުރޭމެންނަށް ދެއްކިޔަސް އެއީ ހަގީގަތަކަށްވުން އެހާ ކައިރި ވާހަކައެއް ނޫން ކަމެވެ. ފުއާދު އެވިދާޅުވާ ނުވަތަ އެމިސާލު ނަންގަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގާނޫނީ މަފްހޫމުގެ ތަޖުރިބާއާއި މިމައްސަލައާއި އަދި މާބޮޑު ގުޅުމެއް ވެސް ނެތެވެ. އެމެންބަރު ޖަލަށް ވަޑައިގެންނެވީ މެންބަރު ކަމުގައި ހުންނަވައިގެންނެވެ. އަދި ޖަލުގައި ހުންނަވައިގެން މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޖާގަ އެވިދާޅުވާ ގޮތަށް ނިހާއީ ހުކުމެއް ނެތުމުން ލިބިވަޑައިގަތީއެވެ.

ޔާމީނު ޖަލަށް ވަޑައިގެންނެވީ ވެރިކަމުގައި ހުންނަވައިގެނެއް ނޫނެވެ. ޔާމީނަށް ހަމައެކަނި އޮތް ފުރުސަތަކީ މިހާރު އިއްވާފައިވާ ހުކުމް ޝަރުޢީ މަތީ ދެ މަރުހަލާއިން ވެސް ބާތިލުކޮށް ފޮހެލަ ދިނުމެވެ. އިންތިހާބަށް މިއޮތް ހަތަރު މަސް ތެރޭގައި ނުވަތަ ކެންޑިޑެސީ ހުށައަޅަން ޖެހޭ މުހުލަތު ހަމަވެ ސުންގަޑި ޖެހުމުގެ ކުރިން ޝަރުޢީ މަތީ ދެމަރުހަލާ މުޅިން ނިމި މިހާރު އޮތް ދަށު ކޯޓުގެ ހުކުމުގައި "ޓިޕެކްސް" ޖަހާލައިގެން ހުދު ސާފު ކަރުދާސް ކޮޅަކަށް ހަދާލައިގެން އިންތިހާބަށް ނެރެވިދާނެ މަންޒަރެއް އެއް ގޮތަކަށްވެސް ނުފެނެއެވެ.

ދެން ހަމަ އޮތީ އެންމެ ފަހުގެ ގޮތެވެ. އެއީ އޮނަރަބަލް ގާސިމްގެ ފަހަތްޕުޅަށް އެރުމެވެ. ވީދާލައި އެއްލާލި ގާސިމްގެ ދައުވަތު ކާޑު ޑަސްބިނުން ނަގައިގެން އޭގައި ޓޭޕް އަޅައިގެން އެހިފައިގެން ގާސިމްގެ ރުހުން ހޯދަށް "ބޮއްކުރާ ދޮށަށް އޮޑި ކެނބުމެވެ."



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން