ހިޔާ ފްލެޓްތަކުގެ މަހު ކުލި މަހަކު 5،300 ރުފިޔާއަށް ކުޑަކޮށްފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިޢުލާނު ކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. މިހާރު ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަނީ، މެއިންޓެނަންސް ފީއާ އެކު މަހަކު 8،500 ރުފިޔާއެވެ.

ސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުލި 5،300 ރުފިޔާއަށް ކުޑަކުރީ، 7 އަހަރުގެ މުއްދަތަށެވެ. އެހެންކަމުން، ދެން ހިޔާ ފްލެޓްތަކުން ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މެއިންޓެނަންސް ފީއާއެކު މަހަކު 6،300 ރުފިޔާއެވެ.

އަކްރަމް ވިދާޅުވީ މި ގެނެވުނު ބަދަލާއެކު ހިޔާ ފްލެޓްގެ ކުލި ދެއްކުމަށް ކުރިން އޮތް 25 އަހަރުގެ ބަދަލުގައި، 27 އަހަރަށް ބަދަލުވެގެން ދާނެކަމަށެވެ. އަދި މި ބަދަލަކީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ގެންނެވި ބަދަލެއް ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ސަރުކާރުން މިއަދު ގެނައި ބަދަލަކީ ކުލި ދައްކަން ޖެހޭ މުއްދަތު އިތުރު ކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެން މިދެނީ ކުޑަލުޔެއް ކުލި ދައްކާ ފަރާތްތަކަށް. އެކި ފަހަރު މަތީން ސަރުކާރުން ރައީސް ވަނީ ހިޔާގައި އުޅޭ ރައްޔިތުންނަށް މި ލުއިދީފަ." އަކްރަމް މިއަދު ވިދާޅުވިއެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު މިއަދު ވިދާޅުވީ، ހިޔާ ފުލެޓުތަކުގެ ކުލި ޖުމުލަ 25 އަހަރަށް ބަހާލައިގެން މިހާރު މަހަކު ދައްކާ 7،500 ރުފިޔާއިން، ހަތް އަހަރު ދުވަހުގެ މުއްދަތަށް 2،200 ރުފިޔާ ސަރުކާރުން އުނިކުރީ ކަމަށެވެ. އެހެންކަމުން މި ބަދަލާއެކު ހަތް އަހަރުގެ މުއްދަތަށް އެ ތަނުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 5،300 ރުފިޔާއެވެ. މި ބަދަލު ގެނައީ ޖުމުލަ ދައްކަން ޖެހޭ އަދަދު ކުޑަކޮށްގެނެއް ނޫނެވެ. ކުރިން 25 އަހަރަށް ބަހާލައިގެން ދެއްކި ކުލި، 27 އަހަރަށް ބަދަލު ކުރީއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމަވާފައި މިވަނީ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ހިޔާ ފްލެޓްތައް ތަމްސީލްކުރައްވާ އެކި ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި އެކަން ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވަނިކޮށެވެ.

ރައީސް ޔާމީންގެ ސަރުކާރުން "ހިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި ޢިމާރާތްކޮށްފައިވަނީ، 25 ބުރީގެ 16 ޓަވަރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން