އެއްވެސް ވަޒީރެއްގެ އިތުބާރު ނުގެއްލޭ ކަމަށާއި ގެއްލުނީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ޔަގީންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ސަރުކާރާއި ޚިޔާލުތަފާތުވެފައިވާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންނާއި އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ގުޅިގެން ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ ވަނީ މަޖިލީހަށް ވައްދާފައެވެ.

އެކަމާގުޅިގެން މެމްބަރު ޝިފާއު ވިދާޅުވީ މިސަރުކާރުގެ އެއްވެސް ވަޒީރެއްގެ އިތުބާރު ނުގެއްލޭ ކަމަށެވެ. އަދި ގެއްލިގެން އުޅެނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމުގެ ޔަޤީންކަން ކަމަށް ޝިފާޢު ވިދާޅުވިއެވެ.



މި މައްސަލާގައި އެމްޑީޕީން ބުނެފައިވަނީ ރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

އަދި ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސްއިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެކަމަށް އެމްޑީޕީން ބުންޏެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 43 މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ހަމަކުރެވިފައިވާ ސޮއިގެ ޢަދަދު ތިރީހަށް ނާރައެވެ.



ކިޔުންތެރިންގެ ހިޔާލު