މެލޭޝިއާގެ ބަޖެޓް އެއަރލައިން، ބަޓިކް އެއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލުން މިއަދު ބުނީ ބަޓިކް އެއާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ 8:30 ގައި ޖައްސާފައިވާކަމަށެވެ.

ބަޓިކް އެއާގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމަށް ހާއްސަ ވޯޓަރ ސެލިއުޓެއް އަރުވާފައިވާއިރު އެބޯޓުން 57 ފަސިންޖަރުން ވަނީ ރާއްޖެ އައިސްފައެވެ.

އެމްއޭސީއެލުން ބުނީ ބަޓިކް އެއާއިން ދިވެހިރާއްޖެއާ ދެމެދު ކޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވާނެ ކަމަށެވެ. މިދަތުރުތައް ރާވާފައިވަނީ ރާއްޖެއިން ސްރީލަންކާއަށް އެއަށްފަހު މެލޭޝިއާއަށާއި އަދި ސިދާ ރާއްޖެއާއި މެލޭޝިއާއި ދެމެދުގައެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާއި ދެމެދުގެ ސީދާ ދަތުރުތައް ފަށާނީ އަންނަ ޖޫންމަހު ފަހުކޮޅުއެވެ.

މީގެ ކުރިން މަލިންޑޯއެއަރގެ ނަމުގައި އޮޕަރޭޓްކުރަމުން އައި އެއަރލައިން ބަޓިކް އެއަރއަށް ބަދަލުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް އެއަރލައިންވަނީ ހާއްސަ ޕްރޮމޯޝަންތަކާއި އެކު ގިނަ މަސައްކަތްތަކެއް ފަށާފައެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއަރއިން ބޭނުންކުރާނީ ބޮއިންގ 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެން ބޯޓެކެވެ.

ބަޓިކް އެއަރ އިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. އެގޮތުން މިމަންޒިލްތަކުން ރައްޖެއަށް ފަސޭހަކަމާއި އެކު ދަތުރުވެރިންނަށް އައުމުގެ މަގު ފަހިވެގެންދާނެއެވެ.

އެމްއޭސީއެލުން ބުނީ ބަޓިކް އެއަރގެ އިތުރުން ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވަރޖިންގ އެޓްލާންޓިކް މިއަހަރު ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފަށާނެ ކަމަށެވެ.

ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް އިތުރުވެގެން ދިޔުމަކި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ އިތުރު ކުރިއެެރުމެއްކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން