ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އުޅެނީ ބޮޑު ގަހެއްގެ ހިޔަލަށްވަދެ ކޭކުން ބައެއް ލިބޭތޯކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފް މިމޭރުން ވިދާޅުވެފައިވާއިރު ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އިއްޔެ ވިދާޅުވެފައިވަނީ، އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނާ ނުލައި ރާއްޖޭގެ ސިޔާސީ މާޙައުލަށް ދިރުމެއް ނެތް ކަމަށެވެ.

އާޒިމްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، ފިކުރެއްގެ ދިރުމަކީ އެއްވެސް ސިޔާސަތެއްނެތް ބައެއް ކަމަށާއި، އެ ފެކްޝަނުން މަސައްކަތް ކުރަމުންދަނީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް ފަދަ ހިޔާބޮޑު ގަހެއްގެ ނިވަލަށްވަދެ ޙިމާޔަތް ހޯދުމަށް ކަމަށެވެ. އޭގެ އިތުރުން ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ އެމްޓީޑީއާ ކޯލިޝަން ހަދައިގެން ނަމަވެސް ފިކުރެއްގެ ދިރުމުން ބޭނުންވަނީ ދެން އުފެދޭ ސަރުކާރެއްގެ ކޭކުން ފޮއްޗެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ފިކުރެއްގެ ދިރުމުގެ އެއްވެސް ދިރުމެއް ނެތް. ވަކި ފިކުރެއްވެސްނެތް. ރައްޔިތުންނަށް ވިއްކާނެ ސިޔާސަތެއްވެސް ނެތް." ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވައި ކުރިމަތިވި ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުމުގެ" ނަމުގައި އެޕާޓީގެ ތެރޭގައި ސިޔާސީ ވަކި ޙަރަކާތެއް ފައްޓަވާފައެވެ. އަދި އެޙަރަކާތަށް އެޕާޓީގެ ގިނަ ޢަދަދެއްގެ މެންބަރުންގެ ތާޢީދު ލިބިފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ދިއުމުގެ މަޝްވަރާތައް ފިކުރެއްގެ ދިރުމުން ފަށާފައިވާއިރު ރައީސް ނަޝީދާނުލާ އެމްޑީޕީ ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމްވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި ފޯޅަވައްސާ ދެމެދު އިންވަކިކުރުމުގެ މައްސަލާގައި މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެންވެސް ފިކުރެއްގެ ދިރުމުން މަސައްކަތް ކުރަމުން ގެންދަނީ އިދިކޮޅު ފަރާތްތަކާ އެކުގައެވެ. އެ މައްސަލާގައި ބަންޑާރަނާއިބުގެ އިތުބާރު ނެތް ކަމަށް ހުށައެޅި މައްސަލާގައި ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ސޮއިކޮށްފައިވެއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ރިޔާސީ ޓިކެޓާއި ގުޅޭގޮތުން އުފެދިފައިވާ ތުންފިއްތުން މިހާރު އެހެން ހިސާބަކަށް ގޮސް ގަސްތުގައި ޕާޓީ ފުނޑު ފުނޑުކޮށްލަން ކުރާ މަސައްކަތް ނާކާމިޔާބު ކޮށްލަށްވާނެކަމަށެވެ. އޭގެއިތުރުން އިހުތިރާމް ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު