ކްރިސްޓިއާނޯ ރޮނާލްޑޯ. ރޭގެ މެޗްގައި އޭނާ ވަނީ ކެރިއަރުގައި ހިލޭ ޖެހުމުން 46 ވަނަ ގޯލް ޖަހާފައި
ކްރިސްޓިއާނޯ ރޮނާލްޑޯ. ރޭގެ މެޗްގައި އޭނާ ވަނީ ކެރިއަރުގައި ހިލޭ ޖެހުމުން 46 ވަނަ ގޯލް ޖަހާފައި
މަތީފަންތީގެ ފުޓުބޯޅައިގައި ހިލޭ ޖެހުމުން ރޮނާލްޑޯ ކާމިޔާބު ކޮށްދިން 46 ވަނަ ގޯލާއެކު އިޓާލިއަން ސީރިއޭގެ އެއް ވަނައިގައި ޔުވެންޓަސް އަށް ހަތް ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ.

ރޭ އަމިއްލަ ދަނޑުގައި ޓޮރީނޯއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 4-1 އިންނެވެ. ޔުވެންޓަސްގެ ފުރަތަމަ ގޯލު މެޗު ފެށިގެން ތިން ވަނަ މިނެޓުގައި ޖެހީ ޕައޮލޯ ޑިބާލާ އެވެ. ދެ ވަނަ ގޯލު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއެކު ހުއާން ކުއަޑްރާޑޯ ޖެހިއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުން ޓޮރީނޯ އަންދްރޭ ބެލޮއްޓީ ވަނީ ފަރަގު ކުޑަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ޔުވެންޓަސް އަށް ލީޑު ފުޅާކޮށްދިން ތިން ވަނަ ގޯލު ރޮނާލްޑޯ ހިލޭ ޖެހުމަކުން ޖެހިއިރު ޔުވެންޓަސްގެ ހަތަރު ވަނަ ގޯލަކީ ޓޮރީނޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގައި ރޮނާލްޑޯގެ ގޯލަކީ ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. ރޭ ރޮނާލްޑޯ ކާމިޔާބުކުރި ހިލޭ ޖެހުމާއެކު އޭނާ މިހާރު ވަނީ ފުޓްބޯޅަ ކެރިއަރުގައި ހިލޭ ޖެހުމުން 46 ގޯލު ޖަހައިފަ އެވެ. އޭގެތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގައި ހުރެ 13 ގޯލު ހިލޭ ޖެހުމުން ކާމިޔާބު ކުރިއިރު ރެއާލް މެޑްރިޑްގައި 32 ހިލޭ ޖެހުން އޭނާ ވަނީ ގޯލަށް ވައްދާލާފައެވެ.

ރޭގެ ގޯލާއެކު ލީގުގައި 25 ލަނޑު ހަމަކޮށް ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ 59 އަހަރުވީ ރެކޯޑެއް މުގުރާލާފަ އެވެ. މީގެ ކުރިން އެއް ސީޒަނެއްގައި ލީގުގައި ޔުވެންޓަސް އަށް 25 ގޯލު ކާމިޔާބުކުރެވުނީ 61-1960 ވަނަ ސީޒަނުގައި އޮމަރު ސިވޯރީ އެވެ. އެކަމަކު މި ސީޒަނުގައި 35 އަހަރުގެ ރޮނާލްޑީ އަންނަނީ ގިނަ ގޯލުތަކެއް ޖަހަމުންނެވެ. ޔުވެންޓަސްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ލީގުގައި ރޮނާލްޑޯ އަށް ޖެހުނީ 21 ގޯލެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ހަދާފައެވެ. އުމުރުން 42 އަހަރުގެ ބުފޮން ވަނީ ރޭގެ މެޗާއެކު ލީގުގެ ތާރީހުގައި 648 މެޗު ކުޅެފަ އެވެ. އެއް މެޗު މަދުން ކުޅެ ލިސްޓުގެ ދެ ވަނައިގައި އޮތީ ކުރީގެ މަޝްހޫރު ޑިފެންޑަރު ޕައޮލޯ މަލްޑީނީއެވެ. ތިން ވަނައިގައި 618 މެޗު ކުޅެފައިވާ ފްރަންސެސްކޯ ޓޮޓީ އޮތްއިރު ހަތަރު ވަނައިގައި އޮތީ 615 މެޗު ކުޅެފައިވާ އާޖެންޓީނާގެ ޑިފެންޑަރު ހާވިއޭ ޒަނެޓީ އެވެ.

އިޓާލިއަން ލީގުގައި ބުފޮން ރެކޯޑް ހެދި މެޗަށް ރޭ ޔުވެންޓަސްގެ ކުޅުންތެރިން ނުކުތީ ޖާޒީގެ އަތުގައި ބުފޮން ކުޅުނު މެޗުގެ އަދަދާއި އޭނާގެ ނަން ޖަހައިގެންނެވެ. 1995 ވަނަ އަހަރު ޕާމާ އިން ފުޓްބޯޅަ ކެރިއަރު ފެށުމަށް ފަހު ބުފޮން ޔުވެންޓަސްއާ ގުޅުނީ 2001 ވަނަ އަހަރު އެވެ. އޭގެފަހުން 2018 ވަނަ އަހަރު އެއް ސީޒަނަށް ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު ބުފޮން ވަނީ އެނބުރި ޔުވެންޓަސްއާ ގުޅިފައެވެ.

އިޓަލީ ލީގުގައި ރޭ ލާޒިއޯ އިން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން އޭސީ މިލާން އަތުން ބަލިވެފައެވެ. ލީގުގެ އެއް ވަނައިގައި 75 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ދެ ވަނައިގައި އޮތް ލާޒިއޯ އަށް ހަމަކުރެވިފައިވަނީ 68 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެފައިވާ އިންޓަ މިލާން އޮތީ 64 ޕޮއިންޓާއެކު ތިން ވަނައިގައެވެ. ލީގުގައި ޔުވެންޓަސް އާއި ލާޒިއޯ އަށް ބާކީ އޮތީ އަށް މެޗެވެ.

މިލާނުން ލާޒިއޯ ބަލިކުރި މެޗުގެ ފުރަތަމަ ގޯލު ހަކާން ޗަންގްލޫ ޖެހިއިރު ދެ ވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޒަލަޓަން އިބްރަހިމޮވިޗެވެ. ތިން ވަނަ ގޯލު ދެ ވަނަ ހާފުގައި ޖެހީ އަންޓޭ ރެބިޗެވެ. މުހިއްމު މޮޅާއެކު މިލާން މިހާރު ވަނީ 46 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. އެޓީމުގެ ފަހަތުން ހަތް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ 45 ޕޮއިންޓް ލިބިފައިވާ ނަޕޯލީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން