އެމްޑީޕީގެ ހަތަރު މެމްބަރަކަށް ޕާޓީން ވަކިކުރާނެ ކަމުގެ ފަހުއިންޒާރު ދީފިއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޕާޓީން ވަކިކުރާނެކަމުގެ ފަހުއިންޒާރު ދީފައިވަނީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ވިޕްލައިނާ ޚިލާފްވަމުންދާތީ، އެމެންބަރުންނާމެދު ފިޔަވަޅުއަޅައިދިނުމަށް އެދިފައިވަނީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުންނެވެ. ޕީޖީ ގްރޫޕުން މީގެ ކުރިންވެސް ވަނީ އެމެންބަރުންނަށް ތަކުރާރުކޮށް ނަސޭހަތްދީ ސިޓީ ފޮނުވައިފައެވެ. އޭގެތެރޭގައި ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީގެ ވިޕްލައިނާ ޚިލާފުވުމުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ނަސޭހަތް ދިނުމާއި، ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މާފަށް އެދެން އެންގުމާއި، ތިން ވަނަ ފަހަރަށް ވިޕާ ޚިލާފްވެއްޖެނަމަ ޕާޓީގެ ދަތުރުތަކާއި، އެހެނިހެން އިނާޔަތްތައް ކަނޑާލުމާއި، ހަތަރުވަނަ ފަހަރު ޕާޓީގެ މަގާމުތަކުން ވަކިކުރުމާއި، އިންތިހާބުތަކުގައި ވާދަކުރުން އެއް އަހަރަށް މަނާކުރުމާއި، ފަސް ވަނަ ފަހަރު ޕާޓީން ވަކިކުރުން ހިމެނެއެވެ.

އެމްޑީޕީގެ ވިޕްލައިނާ ޚިލާފުވުމުން 4 މެންބަރަކަށް ޕާޓީން ވަކިކުރާނެކަމުގެ އިންޒާރު ދީފައިވާއިރު، މެންބަރު އަލީ އާޒިމް ޕާޓީން ވަކިކުރަން ފިޔަވަޅުއަޅާ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ. މި ފިޔަވަޅާއެކު ކުރިއަށް އޮތް ދައުރުގައި، ރައްޔިތުންގެ މަޖިލީހުގައި އާޒިމަށް އެމްޑީޕީ ތަމްސީލެއް ނުކުރެއްވޭނެ އެވެ. އަދި ކުރިއަށްއޮތް 5 އަހަރު އެޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށްވެސް އަދި އެތެރޭގެ ޕްރައިމަރީއެއްގައިވެސް އާޒިމަށް ވާދައެއް ނުކުރެއްވޭނެއެވެ.

އާޒިމަށާއި، ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނަށް ފިޔަވަޅުއެޅުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމާފައިވާއިރު ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފުވެގެން ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ ރައީސް ޞާލިޙަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު