ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިހާރު އުޅުއްވަނީ މާހަޑިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދާ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިމޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ކޮމިޓީތަކުން ބަދަލުކުރެވޭނީ އެމެންބަރުންގެ ރުހުމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

އެކަމާ ގުޅިގެން ރޮޒައިނާ މިއަދު ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގައި ކޮމިޓީތަކަށް މެމްބަރުން އައްޔަނުކުރުމާއި ވަކިކުރުމަކީ މެންބަރުން ހިމެނޭ ސިޔާސީ ޕާޓީއަށް އޮތް ބާރެއް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި އެ ބާރަކީ މަޖިލީހުގެ ރައީސަށް އޮތް ބާރެއް ނޫން ކަމަށް ރޮޒައިނާ ވިދާޅުވެފައިވެއެވެ.

"އެކަން ކުރަންވީ ގޮތްވެސް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް އެބައޮތް. ރައީސް ނަޝީދު ތިހާ ހަޑިކޮށް ނޫޅުއްވާ." ރޮޒައިނާ ވިދާޅުވެފައިވެއެވެ.



ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި މެއި މަހުގެ 14 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައިވަނީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން، މަޖިލީހުގެ މެމްބަރުން އައްޔަންކޮށްފައިވާގޮތަށް ބަދަލު ގެނެސްދެއްވުމަށެވެ. އެގޮތުން ޖުމުލަ 13 ބަދަލެއް ވަނީ ހުށަހަޅުއްވާފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތަށް ހިންގަން އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މެންބަރުންގެ އެދުމާއި ނުވަތަ ރުހުމާނުލައި މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ މެންބަރުން ބަދަލު ނުކުރަށްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި މީގެ ކުރިން ޕާލަމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފުވެގެން މެންބަރުންނަށް ފިޔަވަޅު ނޭޅިނަމަވެސް ފޯޅަވަހި އިމުގެ މައްސަލާގައި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ސޮއިކުރާ މެމްބަރުންގެ މައްސަލާގައި ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ޕީޖީ ގްރޫޕުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު