މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ނެގި ވޯޓުގައި ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވެވި އެވެ. ކުއްލި މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ.

ރައީސްގެ ސިޓީ ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެންބަރު އާދަމް ޝަރީފެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ރާއްޖެއިން މޮރިޝަސްއަށް ފޮނުއްވި ސިޓީ ހާމަކުރުމަށާއި، ދިވެހިރާއްޖެއިން ބައެއް ވިއްކާލުމަށް ޑީލް ހަދާފައިވާ މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އެސިޓީގައި ހިމަނާފައިވާކަމަށް އާދަމް ޝަރީފް ތުހުމަތު ކުރަށްވާފައިވެއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެންމެ އިންޗިއެއްގެ މިންވަރުވެސް އެއްވެސް ބަޔަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ ދިވެހިން ނިހާޔަތަށް ދެކޮޅުހަދާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް އައިލެންޑް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެގައުމުން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް)އަށް ހުށައެޅި މައްސަލާގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާ ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށް އާދަމް ޝަރީފް ވަނީ ފާހަގަކުރަށްވާފައެވެ.

ޗާގޯސްގެ މައްސަލައަކީ، ރާއްޖޭގެ ސިޔާސީ، ޚާރިޖީ، އިގްތިސާދީ، ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތަކާ ގުޅުން ހުރި މައްސަލައަކަށްވާއިރު އެމްޑީޕީ ލީޑުކުރާ ކޯލިޝަން ސަރުކާރު އައުމުގެ ކުރިން ދިވެހި ރާއްޖެއިން ވަކާލާތުކުރަމުން އައީ މޮރިޝަސްއާ ދެކޮޅަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް ނިންމި ނިންމުމަކީ ރާއްޖެއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ލިބޭނެ ކަމެއް ކަމުގައިވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަނީ ރާއްޖެއިން މީގެ ކުރިން ވަކާލާތުކުރަމުން އަންނަ ސްޓޭންޑް ބަދަލުކުރި ސަބަބު ހާމަކޮށް، މޮރިޝަސް އަށް ފޮނުއްވި ސިޓީ ހާމަކުރުމަށާއި މޮރިޝަސްއާ އެކު ހަދާފައިވާ ޑީލް ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

މިމައްސަލަ އާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުން ލިބޭފަދަ އެއްވެސް ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައިނުވާނެ ކަމަށާއި ދެން ވެސް އެފަދަ ނިންމުމެއް ނުނިންމަވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މޮރިޝަޝް މައްސަލައިގައި ރާއްޖެއިން ދަމަހައްޓަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ. އެހެންނަމަވެސް ސިޔާސީ އަމިއްލަ މަންފާތަކެއް ހާސިލްކުރުމަށް ކަނޑައެޅިގެން އެނގި ތިބެ އެމައްސަލައާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު