ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަން އިއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މުޣުނީ އާއި ރޮޒައިނާ މަޖިލީހުގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވަނީ، އެމްޑީޕީން ވަކިވެފައިވާ މެންބަރުންނަށް އެމްޑީޕީއަށް ބަހުސްކުރުމަށް ލިބިފައިވާ ވަގުތުގެ ތެރޭގައި ފުރުސަތު ދިނުމަކީ މަޖިލީހުގެ ޤަވާއިދާ ޚިލާފުކަމެއް ކަމަށް ބުނެއެވެ.

ރޮޒައިނާ އާއި މުޣުނީއަށް މަޖިލީހުގެ ޤަވާއިދަށް ބޯލެނބުމަށް ތަކުރާރުކޮށް މަޖިލީހުގެ ރިޔާސަތުގައި އިއްނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނަސޭޙަތް ދެއްވުމުންވެސް އެގޮތަށް ޢަމަލު ކުރަށްވާފައި ނުވާތީ އެބޭފުޅުންގެ ނަން ވަނީ އިއްވާފައެވެ. އެގޮތުން މުޣުނީ ވަނީ، މަޖިލިސް ކުރާ މާލަމުން ނެރެފައެވެ.

ނަމަވެސް ރޮޒައިނާ މަޖިލީހުގެ ތަޅުން ދޫކުރަށްވައި ނިކުމެ ވަޑައިގެންފައިނުވާތީ ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ބޭނުމަކަށް ރޮޒައިނާ މަޖިލީހުގައި އިންނެވިކަމަށް ނުދެކޭ ކަމަށެވެ. އަދި އުފުލާލައިގެން ގަދަބާރުން ރޮޒައިނާ މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ބޭނުން ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 36 ވަނަ މާއްދާގައި މެންބަރުން މަޖިލީހުގައި ތަމްސީލު ކުރަށްވާ ޕާޓީގެ ދަފްތަރުން ވަކިވާނެގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން މެންބަރުން ޕާޓީގެ ދަފްތަރުން ވަކިވާނަމަ އެކަން އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ

އަދި މަޖިލީހުގައި އޮންނަ ޕާޓީގެ ދަފްތަރަށް ބަދަލު އަންނާނީ މެންބަރުން އެކަން ރިޔާސަތަށް ލިޔުއްވުމުން ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު