ރައީސް ނަޝީދަށް އެމްޑީޕީއަށް ދެވޭނެ އިތުރު ގެއްލުމެއްނެތް ކަމަށާއި، ނަމަވެސް އެމަނިކުފާނަށް ފިޔަވަޅު އެޅުމަކީ ދަތިކަމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެޕާޓީއަށް ދެވޭނެ އިތުރު ގެއްލުމެއް ނެތް ކަމަށާއި އެހެން ނަމަވެސް އަދިވެސް ކެތްތެރިކަން އިސްކުރަށްވާނެ ކަމަށެވެ.

ފައްޔާޒު މިއަދު ވިދާޅުވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނު އުފައްދަވައިގެން އުޅުއްވާ ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެރިކަމަށް ކުރިމަތިލައްވައިފި ނަމަ، އެކަމުން އެމްޑީޕީއަށް ވާނީ ފައިދާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދު "ފިކުރެއްގެ ދިރުން" ފޯމު ޕާޓީގެ މެންބަރުންލައްވާ ފުރާފައި އޮތީ އޮޅުންއަރާ ގޮތަށް ކަމަށާއި، އެކަން މެންބަރުންނަށް މިހާރު ސާފުވަމުން އަންނަ ކަމަށެވެ. ރައީސް ނަޝީދުގެ ސަބަބުން ޕާޓީއަށް ގެއްލުންތަކެއް ވީނަމަވެސް އެމަނިކުފާނަށް ފިޔަވަޅު އެޅުމަކީ ދަތިކަމެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"ރައީސް ނަޝީދާ ދެކޮޅަށް ފިޔަވަޅު އަޅަން ދަތި. އެހެން ބުނާކަށް ޖެހިލުމެއްވެސް ނުވޭ." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިއަދު ވިދާޅުވީ، އެމްޑީޕީ ތެރޭގައިއޮތް ބައިބައިވުން ހައްލުވާން އޮތީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ޕާޓީގެ ރިޔާސީ ޓިކެޓު ދީގެން ކަމަށެވެ. ނަމަވެސް މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ދީފައި އޮތް އެއްޗެއް އަތުނުލެވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ރައީސް ނަޝީދު އާ ޕާޓީއެއް އުފައްދަވާނަމަ ވެރިކަމަށް ކުރިމަތި ލައްވަންވާނެ.. ނަމަވެސް އެމްޑީޕީގައި އެ މަނިކުފާނު ހުންނަވާނަމަ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފަހަތްޕުޅަށް އަރަންވާނެ." ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއިދުކުރަށްވާ މަޖިލީހުގެ ބައެއް މެމްބަރުން ޕާޓީން ވަކިވެވަޑައިގެންފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެމަނިކުފާނަށް ތާއިދުކުރާ މެމްބަރުން ގެންދެވީ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން ވަކިން ބައްދަލުވުންތައް ބާއްވައި ނިންމުންތައް ނިންމަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު