ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި، އީވާގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެމަގާމުން ވަކިކުރަން ހުށަހެޅޭނީ މުޅިމަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެހެންކަމުން އީވާ ވަކިކުރުމުގެ މައްސަލަ ހުށައެޅުމަށް މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮއި ބޭނުންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 43 މެންބަރުންނެވެ.

މަޖިލީހުގެ ނައިބުރައީސް އީވާ ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 12 މެންބަރަކު އިއްޔެ ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެކަން އިޢުލާނު ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް މަގާމު ދިފާއުކުރަން ސިޔާސީ ކަސްތޮޅެއްގައި ނުހުންނަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

"ރަސްއޮންލައިން" އަށް އިއްޔެ ދެއްވި ޚާއްސަ އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް ކަމުގައި ހުންނަވަންޖެހޭނީ އެމްޑީޕީގެ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އީވާ އެޕާޓީން ވަކިވެވަޑައިގެންފައިވާތީ އޭނާ މަޖިލީހުގެ ނާއިބު ރަައީސްކަމުގެ މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު